ހުޅުމާލެ އިން ކުނި އުކާލުމަށް ކުރެވޭ މަސައްކަތުގައި ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅި، ފަޅު ހަޑިވަމުންދާ މައްސަލައިގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލުއާ ސުވާލުތަކެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ.
މެންބަރުގެ މި ސުވާލުތައް ހުށަހަޅުއްވާ، ވެމްކޯގެ އެމްޑީ އަށް ސިޓީ އެއް ވަނީ ފޮނުއްވާފަ އެވެ.
އެ ސިޓީގައި މެންބަރު ވިދާޅުވީ ހުޅުމާލެ އިން ކުނި އުކާލުމުގެ މަސައްކަތް ކުރިއަށްދާއިރު އޭގެ ތެރެއިން ބައެއް ކުނި ފަޅުތެރެ އަށް އެޅި ތިމާވެށި ތަޣައްޔަރުވަމުންދާ ކަމުގެ ޝަކުވާތައް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މެންބަރު ވިދާޅުވީ މިކަމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ސިއްހީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކުން ރައްކާތެރި ކުރުމަކީ ވެމްކޯގެ މައްޗަށް އޮތް ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށްޓަކައި މެންބަރު ވަނީ 7 ސުވާލެއް ހުށަހަޅުއްވާފަ އެވެ.
އެގޮތުން ވެމްކޯ އިން ހުޅުމާލޭގެ ފަޅުތެރެ އަށް ކުނި އެޅެން މެދުވެރިވާ މައިގަނޑު ސަބަބު ހޯދުމާއި، ކުނި އުފުލާ އުޅަނދުފަހަރުން ފަޅުތެރެއަށް ކުނި އެޅެނީ ކޮން އިހުމާލަކުން ނުވަތަ ކޮން ދައްޗަކާ ހުރެ ތޯ ސާފުކުރުމަށް ހުށަހަޅުއްވާފައިވެ އެވެ. އަދި ފަޅު ތަޣައްޔަރުވުމުގެ ސަބަބުން ހުޅުމާލޭގެ ތިމާވެއްޓާއި، ކަނޑުގެ ދިރުންތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުންދޭތޯ އާއި، އެކަން ކުރާނަމަ ކުރާ މަސައްކަތްތަކަކީ ކޮބައިތޯ ވެސް ސުވާލު ކުރައްވާފައިވެ އެވެ.
މީގެ އިތުރުން ކުނީގެ ސަބަބުން ފަޅު ހަޑިވެ، ނުބައި ވަސް ދުވުމުގެ މައްސަލަ އަށް އޮތް ދާއިމީ ހައްލަކީ ކޮބައިތޯ އާއި، މި މައްސަލައާ ގުޅިގެން އީޕީއޭ އިން ވެމްކޯއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭ ތޯ ވެސް މެންބަރުގެ ސުވާލުގައިވެ އެވެ. އަދި ހުޅުމާލޭގެ ފަޅު ސާފުކޮށް ބެލެހެއްޓުމަށްޓަކައި ވެމްކޯ އަދި އެޗްޑީސީ ގުޅިގެން އެއްވެސް މަސައްކަތެއް ކުރަމުންދޭތޯ އާއި ކުނި އުފުލާ އުޅަނދުފަހަރުން ކުނި ބޭރު ނުވާނެ ފަދަ ގޮތަކަށް އިންތިޒާމު ހަމަޖެއްސުމަށް ކުރެވެނީ ކޮން މަސައްކަތެއްތޯ ބެއްލެވުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ.