އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އެވެ.
އޭސީސީން މައުލޫމާތު ދޭ ގޮތުގައި މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހަރުދަނާކުރުމެވެ.
މީގެ އިތުރުން ދެ އިދާރާގެ މުވައްޒަފުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުންދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުން މި ފަހުމުނާމާގައި ހިމެނެ އެވެ.
މި ފަހުމުނާމާގެ ދަށުން އޭސީސީގެ ޒިންމާތަކުގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ބާއްވާ ވާކްޝޮޕްތަކާއި މަހާސިންތާތަކުގައި އެހީތެރިކަން ދިނުން ހިމެނެ އެވެ.
ސްޓެލްކޯގެ ޒިންމާތަކަށް ބަލާއިރު، އޭސީސީން ތަޙުޤީޤުކުރާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުމާއި މަޢުލޫމާތު ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމާއި، ތަޙުޤީޤުތަކަށް މުވައްޒަފުން ހާޒިރުކުރުމުގައި އެއްބާރުލުން ދިނުން ހިމެނެ އެވެ.
މީގެ އިތުރުން ސްޓެލްކޯގައި އެންޓި-ކޮރަޕްޝަން ޕޮލިސީތައް ޤާއިމްކުރުމާއި، ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އޭސީސީގެ ލަފަޔާއި އިރުޝާދަށް އިސްކަންދިނުމަށް ވަނީ ނިންމާފަ އެވެ.
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަޞީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.