ހއ. ނާލާފުށީގެ
ސްކޫލަށް ހަތަރު ކްލާސްރޫމް އިތުރުކުރުމަށް ކުރިން ހިނގަމުން އައި މަސައްކަތް މިހާރު
ހުއްޓިފައިވާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނާލާފުށީ ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި މައުލޫމާތުގައިވާ
ގޮތުން މި މަސައްކަތަކީ ކުރީގެ ސަރުކާރުގައި ފެށި މަޝްރޫއެކެވެ. އިމާރާތުގެ ބޮޑު ބައި
ނިމިފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު
މި މަސައްކަތް ފެއްޓެވި ކަމަށް ކައުންސިލުން ބުނެ އެވެ.
މީގެ އިތުރުން، މި އަހަރުގެ ދިރާސީ އަހަރު ކިޔެވުން
ފަށާނީ އެ އައު އިމާރާތުގައި ކަމަށް ރައީސް މުއިއްޒު މިދިޔަ އަހަރު
އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވި ނަމަވެސް، މިއަދާ ހަމައަށް ވެސް މަސައްކަތެއް
ކުރިއަށް ނުދާކަން ކައުންސިލުން ފާހަގަކުރެ އެވެ. އަދި ނުވިތާކަށް މަސައްކަތާ ގުޅޭ
އެއްވެސް މައުލޫމާތެއް ކައުންސިލަށް ނުލިބޭކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މި މަސައްކަތް ހުއްޓިފައިވާތީ ގްރޭޑް އަށެއްގެ ކުދިން
ކިޔަވަން ތިބުމަށް ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން ވަގުތީ ގޮތުން ކްލާސްރޫމެއް
އަޅާފައިވާކަމަށް ކައުންސިލުން ހާމަކުރި އެވެ. އެ ވަގުތީ ކްލާސްރޫމް އަޅާފައިވަނީ އެ
އިމާރާތުގެ މަސައްކަތް އަވަހަށް ނިމޭނެކަމަށް ބަލައިގެން ކަމަށްވެ އެވެ.
ނާލާފުށީ ސްކޫލަކީ އެ ރަށުގެ ކުދިންނަށް ތައުލީމު ދެމުން
އަންނަ މުހިއްމު މަރުކަޒެކެވެ. ނަމަވެސް މި މަސައްކަތް
ހުއްޓިފައިވާތީ ކުދިންނަށް ކިޔަވައިދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ކައުންސިލުން
ފާހަގަކުރެ އެވެ. އަދި މި މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށް ކައުންސިލުން ގޮވާލަ އެވެ.
ސްކޫލް އިމާރާތުގެ މަސައްކަތް ނިންމުމަށް ސަރުކާރުން
ވަޢުދުވެފައިވީނަމަވެސް، މިހާތަނަށް އެ ވައުދު ފުއްދިފައި ނުވާތީ ރަށުގެ ރައްޔިތުންނާއި
ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ކައުންސިލުން ހާމަކުރެ އެވެ.