އައްޑޫ ބްރިޖް މަޝްރޫއުއާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ކުރެއްވި ސުވާލަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ނާއުއްމީދީ ޖަވާބެއް ދެއްވައިފި އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ސުވާލުތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެންފަ އެވެ.
މަޖިލީހުގައި ހުޅުދޫ ދައީރާގެ މެންބަރު ޝާހިދު ވަނީ، އައްޑޫ ހުޅުދޫ ކައުންސިލަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން ބްރިޖްގެ މަސައްކަތް ކުރުމަށްޓަކައި ވޯކް ސައިޓް ގާއިމުކުރުމަށް ބިން ހޯދުމަށް ލިޔުމަކުން އަންގާފައިވާކަން ފާހަގަކުރައްވައި، މި މަޝްރޫއުއަކީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމުން މިކަމުގެ އަދާހަމަ ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.
ނަމަވެސް މިނިސްޓަރު ޖަވާބުގައި ވިދާޅުވެފައިވަނީ އެ މަސައްކަތް އިގްތިސާދީ ގޮތުން ދަތި މި ދަނޑިވަޅުގައި ކުރިއަށް ނުގެންދެވޭނެ ކަމަށާއި ވޯކް ސައިޓްގެ ބިން ފާހަގަކުރަން އެންގީ މިހާރު ލިޔެކިޔުމުން ތައްޔާރު ކުރަންޖެހޭ ކަންކަން ނިންމާފައި ބެހެއްޓުމަށް ކަމަށެވެ.
ލަސްވާ ލަސްވުން ފޫބެއްދުމަށް މިކުރާ ކަމަކީ ވީހާވެސް އަވަހަކަށް ޑިޒައިން މަސައްކަތްތަކާއި އެހެން ހުރިހާ މަސައްކަތްތަކެއް ނިންމުން. އެހެންވީމަ އިގްތިސާދީ ގޮތުން އަޅުގަނޑުމެންނަށް ފުރުސަތު ލިބެން ވައިރަށް މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ހުރިހާ ޑިޒައިންނާއި ޑޮކިޔުމެންޓޭޝަނާއި ހުރިހާ މަސައްކަތެއް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީޑރ. އަބްދުﷲ މުއްތަލިބު
އައްޑޫ ބްރިޖްގައި މިހާރު ކުރިއަށް ދަނީ ޑީޓެއިލް ޑިޒައިންނާއި އީއައިއޭ މަސައްކަތްތަކާއި ފީސިބިލިޓީގެ މަސައްކަތްތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިގްތިސާދާއި ދަރަނިތައް އޮތްގޮތުން އެވަރުގެ ބޮޑު މަޝްރޫއުއެއް ހިންގުމަށް ލޯނު ނެގުމަކީ ދަތިކަމެއް ކަމަށް ވިދާޅުވި އެެވެ.
5 ނޮވެންބަރު 2025 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ކުރެއްވި ދަތަރުފުޅުގައި ހުޅުދޫ އަދި މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ބްރިޖް މަޝްރޫއުގެ ޑިޒައިން ހެދުމާއި ފަންނީ މަސައްކަތް ޗައިނާ ކުންފުންޏަކަށް، އެއް މިލިއަން ޑޮލަރަށް ހަވާލުކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި މަސައްކަތް 6 މަސް ދުވަސް ތެރޭގައި ނިންމައި، ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި ސަރުކާރަށް ހުށަހަޅަން ހަވާލުކުރެވިފައިވާނެކަމަށް ވެސް ވިދާޅުވި އެވެ. އެ ދަތުރުފުޅުގައި ރައީސް ވިދާޅުވީ އަމާޒަކީ 2026 ވަނަ އަހަރު ބްރިޖްގެ މަސައްކަތް ފެށުން ކަަމަށެވެ.