"ކޮރަޕްޝަން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި،
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި"
މި ޚަބަރުގެ ސުރުޚީ ފެނުމުން، ގިނަ ބަޔަކަށް އެއީ ތެދެއްތޯ
ބަލަން ދެވަނަ ފަހަރަށް ކިޔަން މަޖުބޫރުވި
އެވެ.
ސްޓެލްކޯއަކީ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ
ކުންފުންޏެވެ. އެ ކުންފުނީގެ މައިގަނޑު މަސައްކަތަކީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.
މީހަކު ބޮތްކެއް ދިއްލާލާ ކޮންމެ ފަހަރަކު ކޮރަޕްޝަން ދެނެގަނެވޭނެ މެޝިނެއް ސްޓެލްކޯއިން
ސިއްރިއްޔާތުގައި އުފައްދާފައި ނުވާނަމަ، މި މަސައްކަތުގައި އެ ކުންފުނީގެ ދައުރަކީ
ކޮބައިތޯ ސުވާލު އުފެދެ އެވެ.
މީގެ އިތުރުން، އޭސީސީ އުފެއްދި މަގުސަދު ހާސިލުކުރުމަށް
އެ ކޮމިޝަނަށް ހުރަސްއަޅަނީ ކޮން ކަމެއްތޯ ވެސް މިއީ މިއަދު އުފެދޭ ސުވާލެކެވެ.
އޭސީސީއަކީ ސާފު މެންޑޭޓެއް އޮތް، ގާނޫނީ ބާރުތަކާއި ތަހުގީގު ކުރާނެ މުވައްޒަފުންނާއި ދައުލަތުގެ ބަޖެޓާއި އަދި އެތައް އަހަރެއްވީ
ދުވަސްވީ މުއައްސަސާއެކެވެ.
އޭސީސީގައި ނުނިމި ހުރި މަސައްކަތްތަކަށް ބަލާއިރު،
އެ ކޮމިޝަނަށް މަސައްކަތް މަދެއް ނޫނެވެ. އެތައް މައްސަލައެއް ނުނިމި ދިގުލައިގެން
ގޮސްފައިވާއިރު، މައްސަލަ ހުށަހަޅާ ފަރާތްތަކުން ބުނަމުންދަނީ އެ މައްސަލަތައް ކުރިއަށްދާ
ގޮތުގެ މައުލޫމާތު ނުލިބޭ ކަމަށެވެ. ގިނަ ބަޔަކު ތިބީ އެމީހުން ހުށަހެޅި މައްސަލަތައް
ކުރިއަށްދޭތޯ ނުވަތަ ކޮންމެވެސް ފައިލެއްގެ ތެރޭގައި ހިރަފުސް ބޯވެފައި އޮތީތޯ ސުވާލު
އުފެދިފަ އެވެ.
އެހެންނަމަވެސް މި ކަންކަން އެކަށީގެންވާ ގޮތެއްގައި
ތަހުގީގު ކުރުމުގެ ބަދަލުގައި އޭސީސީން އަބަދުވެސް ފެންނަނީ ދައުލަތުގެ މުއައްސަސާތަކުގެ
މެދުގައި ފަހުމުނާމާތަކުގައި ސޮއިކުރުމުގައި އަވަދިނެތި އުޅެމުންދާ ތަނެވެ.
އެއިން ކޮންމެ ފަހަރަކު ވެސް ސަލާމްކުރުމާއި ގްރޫޕް
ފޮޓޯ ނެގުމާ ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އުންމީދީ ބަޔާންތައް ދެ އެވެ. ނަމަވެސް
އޭސީސީގެ އަސްލު ޒިންމާކަމަށްވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުން އޮތީ
ހަމަ ސުމެއްގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
އެހެންކަމުން ހަގީގަތުގައި އޭސީސީން އެއްބަސްވުމެއްގައި
ސޮއިކުރާނަމަ ކުރަންވީ އެ ކޮމިޝަނުގެ އަމިއްލަ ނަފްސާ އެވެ. އެއީ ތަހުގީގުތައް އަވަސްކުރުމަށާއި މައްސަލަ ހުށަހަޅާ ފަރާތްތަކާ އޮންނަ މުއާމަލާތްތައް ރަނގަޅުކުރުމަށާއި ގިނަ ދުވަސްވެފައިވާ
މައްސަލަތަކުގެ މައުލޫމާތު ގަވާއިދުން އާންމުންނަށް ހިއްސާކުރުމަށެވެ.
ކޮރަޕްޝަން ހުއްޓުވުމަކީ މުހިންމު ކަމެއްކަމާ މެދު އެއްވެސް
މީހަކު ޝައްކެއް ނުކުރެ އެވެ. ނަމަވެސް، އެ މަސައްކަތް ފެށެންޖެހެނީ ވަރުގަދަ އަދި ހަރުދަނާ
އެންޓި-ކޮރަޕްޝަން މުއައްސަސާއެއްގެ ތެރެއިންނެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް
ކުރާނެ ގޮތް ކަރަންޓު ކުންފުންޏަކާ ގުޅިގެން ކުރަންވީ ފުރަތަމަ އެ ކަންކަން ކޮށްފަ އެވެ.
ސްޓެލްކޯއަށް ކުރެވޭނެ ކަމަކީ ގައުމު އަލިކޮށް ބޭއްވުމެވެ. އޭސީސީން ކުރަންވީ ކަމަކީ، ކޮރަޕްޝަންގެ މައްޗަށް މިއަށްވުރެ
ގަދަ އަލިކަމެއް ފޯރުކޮށްދީ، އެކަންކަން ހާމަކުރުމެވެ. އެކަމަކު މިއަދު ފެންނަނީ ދެ ދުވަހުން އެއް ދުވަހު ކަރަންޓު
ކަނޑޭ މަންޒަރާއި އޭސީސީ ނިދި ގޮތަށް ނުހޭލާ މަންޒަރެވެ.