އަޕަރ ސައުތު ޕޮލިސްގެ
ބެލުމުގެ ދަށުގައި ހިމެނޭ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ
ގޯނާކުރި ތުހުމަތުގައި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި
އެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ހިއްސާކުރި
މައުލޫމާތުގައި ބުނެފައިވަނީ 16 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ ކުށުގެ އަމަލެއް
ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންގެ
އިދާރާއަށް ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި
ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 27 އަހަރުގެ ދިވެހި
ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހު ކަމަށް ފުލުހުން ހާމަކުރި
އެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް
ނުވެއެވެ.

އަދި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން
އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ކުޑަކުދިންނާ ދެކޮޅަށް ހިންގާ ޖިންސީ
ކުށްތަކުގެ އަދަދު އިތުރުވަމުންދާއިރު، މިފަދަ ކުށްތައް ހިންގާ މީހުންނާ ދެކޮޅަށް ހަރުކަށި
ފިޔަވަޅުތައް އެޅުމަށް މުޖުތަމައުގެ ފަރާތުން ގޮވާލުންތައް އަމާޒުވަމުންދެ އެވެ.

ކުޑަކުދިންނާ ދެކޮޅަށް ހިންގާ ޖިންސީ ކުށްތަކަކީ
ވަރަށް ސީރިއަސް ކުށްތަކަކަށްވާއިރު، މިފަދަ ކުށްތައް ހިންގާ މީހުންނަށް ގާނޫނުގައި
ވަރަށް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވެ އެވެ. މިފަދަ ކުށްތައް ހިންގާ މީހުންނާ
ދެކޮޅަށް ފުލުހުންނާއި ދައުލަތުގެ އިދާރާތަކުން އަވަސް ފިޔަވަޅުތައް އަޅަމުންދާއިރު،
މިފަދަ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް މުޅި މުޖުތަމައުގެ ފަރާތުން ވެސް
ވަރަށް ބޮޑު ޒިންމާއެއް އަދާކުރަންޖެހެ އެވެ.