ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ބަލިމީހުންނަށް ލިބެންޖެހޭ ބޭސް ހުސްވުމުގެ ޝަކުވާ ލިބިފައިވާތީ އެކަން ހިނގާފައިވާ ގޮތް ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ހެލްތު މިނިސްޓަރު ގީލާ އަލީ އަށް އެޑްރެސް ކުރައްވާ ސިޓީ އެއް ފޮނުއްވައިފި އެވެ. 

މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ވަނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ބަލިމީހުންނަށް ލިބެންޖެހޭ ބޭސް ނުލިބުމުގެ ޝަކުވާ އެ ފަރާތްތަކުގެ އާއިލާތަކުން މެންބަރާ ހަމައަށް ފޯރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ނަފްސާނީ ބަލި މީހުންނަށް ބޭނުންވާ ބޭހުގެ އިތުރުން ބައެއް އެހެން މުހިއްމު ބޭސް ވެސް ހުސްވެފައިވާ ކަމަށާއި އެކަން މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވެސް ގެނަސްފައިވާއިރު، އެކަމާ މެދު މިނިސްޓްރީ އިން އިޖާބައެއް ދީފައިނުވާ ކަމަށެވެ.

އެހެން ކަމުން މިކަމަކީ މިހާރުން މިހާރަށް ވެސް ހައްލު ކުރަން ޖެހޭ މުހިއްމު ކަމެއް ކަމަށާއި، މިކަން ހިނގާފައިވާ ގޮތެއް ބެލުމަށް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ. 

މީގެ ކުރިން ވެސް ބޭހުގެ މައްސަލައިގައި މެންބަރު ކުޑޫ ވަނީ މަޖިލީހަށް ކުއްލި މައްސަލަ ވެސް ހުށަހަޅުއްވާފަ އެވެ. އެގޮތުން 'އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސޯޑަރ' ނުވަތަ އޭޑީއެޗްޑީގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ވެސް މެންބަރު އެދިވަޑައިގެންފައިވެ އެވެ. 

މީގެ އިތުރުން ބޭސް ނުލިބި އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށާއި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހުގައި ބަހުސް ކުރުމަށްޓަކައި މެންބަރު ވަނީ މީގެ ކުރިން ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް އެ ކުއްލި މައްސަލަ ބަލައިނުގަތުމަށް ރިޔާސަތުން ވަނީ ނިންމާފަ އެވެ.