ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ
ބައްދަލުވުމެއްގައި، އެމަނިކުފާނު ހުންނެވީ ރައީސް އޮފީހުގެ ޕޯޑިއަމެއްގައި ކަމަށާއި
އެއީ ޕީއެންސީގެ ޕޯޑިއަމެއް ނޫން ކަމަށް ވިދާޅުވެ ސިޔާސީ ސުވާލުތަކަށް ޖަވާބު ދެއްވަން
ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން އިންކާރު ކުރެއްވި ނަމަވެސް،
ދައުލަތުގެ މީޑިއާއިން ސިލްސިލާކޮށް ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި
އެމަނިކުފާނު ޕީއެންސީގެ ކުރިމަގާއި ސިޔާސީ މަސައްކަތްޕުޅުތަކާ ގުޅޭގޮތުން ތަފްސީލީ
ގޮތެއްގައި ވާހަކަފުޅު ދައްކަވައިފި އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ މި ޕްރޮގްރާމްގައި ވަނީ ޕީއެންސީގެ އެތެރޭގެ އިންތިޚާބާއި، ޕާޓީގެ އޮނިގަނޑު ހަރުދަނާ ކުރުމަށް
ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުތަކެއް ކޮށްފައެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބު ދާދިފަހުން މިވަނީ ބާއްވާފައި. އިންތިޚާބު ބާއްވައި، ޕާޓީގެ ބައެއް ގުނަންތައް ތަރުތީބު ކޮށްފައި މިވަނީ. ދެން އަނެއްކާ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީތާ ދޮގެއްތޯ. ހަމަގައިމު ވެސް ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގެ މަސައްކަތުގައި، ޕީއެންސީގެ ދައުރެއްނެތި ކުރިއަކަށް ނުއެއްދާނެ މިވަގުތު އެހެންނޫންތޯ؟ ދެން މި އިންތިޚާބާ އެކީގައި ކިހިނެއްތޯ ރައީސަށް، ރައީސްގެ ސިޔާސީ މަސައްކަތްޕުޅަށް އަންނާނެ އިތުރު ހަރުދަނާކަމަކީ؟ އަދި ޕާޓީގެ ސިޔާސީ މަސައްކަތްތަކުގެ ކުރިމަގު ފެނިވަޑައިގަންނަވަނީ؟ދައުލަތުގެ މީޑިއާގެ ޕްރެޒެންޓަރުން
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު
ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ޕީއެންސީގެ ސިޔާސީ މަސައްކަތްތަކުގެ
ބިންގާ އެޅުން ކަމަށެވެ. މި ސަރުކާރު އުފެދިގެން އައިއިރު ޕީއެންސީގައި ތިބީ ތިންހާހެއްހާ
މެންބަރުން ކަމަށާއި، ނަމަވެސް ޕާޓީގެ ލީޑަރޝިޕާއި މެންބަރުން ކުރި މަސައްކަތުން މިހާރު
އެ އަދަދު 60،000 އާއި 70،000 އާ ދެމެދުގެ އަދަދަކަށް އިތުރުވެފައިވާ ކަމަށް ރައީސް
ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޕާޓީގެ ހުރިހާ ގުނަވަންތަކާއި، ރަށްރަށުގެ
ސްޓިއަރިންގ ކޮމިޓީތަކުގެ އިންތިޚާބުތައް ބާއްވައި، ދާއިރާތަކުގެ ރައީސުންނާއި ނައިބު
ރައީސުން ޑިމޮކްރެޓިކް އުސޫލުން މިހާރު އިންތިޚާބުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު
ވިދާޅުވި އެވެ.
ޕާޓީގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން
ރައީސް ވިދާޅުވީ، އަންނަ ސެޕްޓެންބަރު މަހުގެ މެދުތެރޭގައި ޕީއެންސީގެ ކޮންގްރެސް ނުވަތަ
ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ "މަތީ މަޖިލިސް" ބޭއްވުމަށް ތައްޔާރުވަމުންދާ
ކަމަށެވެ. މި ކޮންގްރެސްގައި ޕާޓީގެ މުހިންމު މަގާމުތަކަށް މީހުން ހޮވުން އޮންނާނެ
ކަމަށާއި، އޭގެ ތެރޭގައި އަންހެނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސް، ޒުވާނުންގެ
ހަރަކާތުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ޕާޓީގެ ނައިބު ރައީސުންނާއި ސެނެޓަށް
މެންބަރުން ހޮވުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ޕާޓީގެ އަސްލު އޮނިގަނޑު ކަނޑައެޅިގެންދާނީ މި
ކޮންގްރެސްގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ޕީއެންސީގެ ސިޔާސީ މަސައްކަތްތަކުގެ ބިންގާ އިރާދަކުރެއްވީތީ، މި އެޅީ އެނގޭތޯ. މިހާތަނަށް އައިއިރުގައި، ޕީއެންސީ ސަރުކާރު އުފެދިގެން އައިއިރުގައި އޮތީ ތިންހާހެއްހާ މެންބަރުންގެ ޕާޓީއެއްގެ ގޮތުގައި. ދެން އަޅުގަނޑުމެން އެންމެން ކުރި މަސައްކަތުން މިހާރު މިއޮތީ ގާތްގަނޑަކަށް ފަސްދޮޅަސްހާހާއި ހަތްދިހަހާހާ ހަމައަށް ގޮސްފައި. ދެން ޕާޓީގެ ހުރިހާ ގުނަވަންތައް، ރަށްރަށުގެ މި ދެންނެވީ ސްޓިއަރިންގ ކޮމިޓީތައް، އިންތިޚާބު މިކުރީ އެނގޭތޯ. ދާއިރާތަކުގެ ރައީސުން، ނައިބު ރައީސުން ކަނޑައަޅަންޖެހޭ ތަންތަނުގައި އިންތިޚާބުކޮށްގެން މިހާރު މި ޑިމޮކްރެޓިކް ޕްރޮސެސްގެ ތެރެއިން އެތިބީ މިހާރު އިލެކްޓަޑް މީހުން ހޮވިފައި. އެހެންވީމާ، މިއީ ފެށުން. ދެން މިއާއެކީގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ސެޕްޓެންބަރު މަސް ތެރޭގައި، ސެޕްޓެންބަރު މަހުގެ މެދެއްހާ ހިސާބުގައި މި އޮންނަނީ ޕާޓީގެ ކޮންގްރެސް. ނޫނީވިއްޔާ އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނާގޮތުން މަތީ މަޖިލިސް. އެހެންވީމާ، ޕާޓީގެ މަތީ މަޖިލީހުގައި ދެން އޮންނާނީ އެކިއެކި މަގާމުތައް ހޮވުން. އަންހެނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް މިކަހަލަ މަގާމު. ޒުވާނުންގެ ހަރަކާތުގެ ރައީސް، ނައިބު ރައީސް އަދި އެހެން މަގާމުތައް. ޕާޓީގެ މެންބަރުންގެ މަޖިލިސް، ނޫނީވިއްޔާ އާންމުކޮށް ކިޔާގޮތުން ސެނެޓް، ނޫނިއްޔާ މެންބަރުންގެ މަޖިލީހަށް ވަކި އަދަދަކަށް މެންބަރުން ހޮވުން. ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި އަދި ބައެއް އެހެން މަގާމުތަކަށް މީހުން ހޮވުން. އެހެންގޮސް ޕާޓީގެ ސްޓްރަކްޗަރ އަޞްލުގައި މި އޮންނަނީ ކަނޑައެޅުން ކޮންގްރެސްގައިރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ
އަމާޒަކީ ޕީއެންސީއަކީ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ، އަދި ރައްޔިތުންނަށް ޚިދުމަތް
ދިނުމަށް ފައްކާވެފައިވާ ޕާޓީއަކަށް ހެއްދެވުން ކަމަށެވެ. ޚާއްސަކޮށް ޒުވާނުންނާއި
އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ބައްޓަންކުރުމުގެ
މަސައްކަތް ކުރަމުންދާ ކަމަށާއި، ސިޔާސީ ޕާޓީގެ ނިޒާމުގެ ތެރެއިން އެހެން ޕާޓީތަކަށް
ލީޑަރޝިޕާއި ނަމޫނާ ދައްކާ ބަޔަކަށް ވާން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ. ކުރިއަށް
އޮތް ކޮންގްރެސް ވެގެންދާނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެތެރޭގެ ޑިމޮކްރަސީ އެންމެ
ފުރިހަމައަށް ފެނިގެންދާނެ ކާމިޔާބު ބައްދަލުވުމަކަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ނޭޝަން ޗެޓުގައި ރައީސް ޕާޓީގެ އެތެރޭގެ
އިންތިޚާބާއި، ޕާޓީގެ ކުރިމަގުގެ ވާހަކަ ދައްކަވާފައިވާއިރު، ސަރުކާރާއި،
ޕާޓީގެ މަގާމުތަކުގައި ތިއްބަވާނީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް
އިންޓަގްރިޓީ އޮންނަ ބޭފުޅުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ، މަޖިލީހުގެ
ނައިބު ރައީސް ވަކިކުރުމުގެ މަސައްކަތް ޕީއެންސީން ކުރިއަށް ގެންދިޔައީ، މެންބަރު
ނާޒިމްގެ މައްޗަށް އިތުބާރު ނެތިގެންތޯ އާއި، ނެތް ކަމަށްވާނަމަ އެކަމުގެ ސަބަބަކީ
ކޮބައިތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަން ރައީސް ވަނީ ދެކޮޅު ހައްދަވާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އެ ސުވާލަށް ޖަވާބު
ދެއްވާނީ ޕާޓީގެ ޕޯޑިއަމެއްގައި ނުވަތަ ފްލެޓްފޯމެއްގައި ކަމަށެވެ. އަދި މިވަގުތު
ހުންނެވީ ޕީއެންސީގެ ޕޯޑިއަމެއްގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ދައުލަތުގެ މީޑިއާގައި ވެސް ރައީސް މިވަނީ ސިޔާސީ ޕާޓީގެ ކުރިމަގުގެ ވާހަކަ ދައްކަވާފަ އެވެ.