ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް
ހިންގުމަށް އެތަންތަން ކައުންސިލުގެ އިހުތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް
ނިންމޭ ގޮތަށް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ބިލުގައި ބުނެފައިވަނީ މިފަދައިން މަޝްރޫއުތައް
ހިންގުމަށްޓަކައި ކައުންސިލުގެ އިހުތިސާސުގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް
ވަޒީރުންގެ މަޖިލިހުން ނިންމުމަށްފަހު އެކަން ކައުންސިލަށް އެންގުމުން އެބިމެއް
ނުވަތަ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިވީ ކަމަށެވެ. އަދި
އެހިސާބުން ދައުލަތުގެ ފުރިހަމަ ބާރުހިނގާ ބިމާއިތަންތަންތަން ކަމަށް ވެގެންދާނެ
ކަމަށް ވެސް ބުނެފައިވެ އެވެ.

އިސްލާހުގައި އޮތް ގޮތުން އެކަމުގައި ކައުންސިލުގެ ބަހެއް ބޭނުމެއް ނުވެ އެވެ.

އިތުރަށް ބިލުގައި ބުނެފައިވަނީ ރަށެއްގެ ނުވަތަ ސިޓީ
އެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން
ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބިމެއް ހޯދުމަށް
އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާ އާ ހަވާލުކުރަން
ވާނެ ކަމަށެވެ.

ސިޓީ ނުވަތަ ރަށުގެ
ރައްޔިތުންގެ ޖަމައީ މަންފާ އަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް
މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ގޮތަކަށް އަމަލު ކުރުން ނުވަތަ އެފަދަ
މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުމެއް ނުނިންމޭ ގޮތަށް ވެސް ގާނޫނު
ބަދަލު ކުރަން ވަނީ ހުށަހަޅާފަ އެވެ.

މި އިސްލާހުތަކުގެ މަގްސަދަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް
ކައުންސިލުތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން
ކަށަވަރުކުރުން ކަމަށް ބުނެފައިވެ އެވެ.

ބިލު ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު
އަބްދުލް ހަންނާނު އަބޫބަކުރެވެ. މިއީ އަމިއްލަ މެމްބަރެއްގެ ގޮތުގައި
މަޖިލީހުގައި އިންނަވާ މެމްބަރެކެވެ.

މި ސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ތަފާތު ގިނަ ބަދަލުތަކެއް ގެނެސް ކައުންސިލުތަކުގެ ބާރުތައް މަރުކަޒީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިކަން ފާހަގަ ކުރެވެ އެވެ.

އެހެން ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު 2025 ވަނަ އަހަރުގެ އޮގަސްޓް 26 ގައި ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ކައުންސިލްތަކަށް  ފިއްތުންތައް ކުރިމަތިވިޔަ ނުދެއްވާނޭކަމަށް ވަނީ ވިދާޅުވެފަ އެވެ. ކައުންސިލްތައް ބާރުވެރިކުރެއްވުމަށް ޤާނޫނީ ގޮތުންނާއި އެ ނޫން ގޮތްގޮތުންވެސް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވަނީ އެ މަޤްޞަދުގައި ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި އެ މަނިކުފާނު އެދިވަޑައިގަންނަވަނީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރެއްވުމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މި ބިލު ވަނީ ހިމަނާފަ އެވެ.