ހުޅުމާލޭގެ ފޭސް-2 ގައި ހަދާފައިވާ ކެޓް ޝެލްޓަރ ބީލަމުގެ އުސޫލުން ބަޔަކާ ހަވާލު ކުރަން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ހުޅުވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެހެން ނަމަވެސް ސަރުކާރުން މިހާރު ވަނީ އޮޅު ހިޔާގެ ކެޓް ޝެލްޓަރ ހިންގާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފަ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް 09 އޮގަސްޓް ވާ އާދިއްތަ ދުވަހުގެ 10:00ށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަށް ހާޒިރުވުމަށް އޮތް އިރު، ކުޑަ މުއްދަތެއްގެ ތެރޭގައި، އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގެ 11:00ށް އެ މިނިސްޓްރީ އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.
އަންގާރަ ދުވަހު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ކެޓް ޝެލްޓަރ ހިންގުމަށް ހުށަހަޅާ އަގު ފަސް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނަމަ ބިޑު ސެކިއުރިޓީ ހުށަހަޅަން ޖެހެ އެވެ. އަދި ހޮވޭ ފަރާތަކުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅާ އަގުގެ 2 އިންސައްތަ ހުށަހަޅަން ޖެހެ އެވެ. އިއުލާނުގައިވާ ގޮތުން، ހުށަހަޅާ އަގު 250،000ށް ވުރެ ބޮޑު ނަމަ އެޑްވާންސް ފައިސާ ދޫކުރެވިދާނެ އެވެ.
ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތަކަށް އޮޅުހިޔާގެ ޝެލްޓަރ ބައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދައް ކަމަށް ބުނެފައިވެ އެވެ.
އޮޅުހިޔާ ޝެލްޓަރ ހިންގަން ހަވާލުވާ ފަރާތަކަށް އޮފީސް ޖާގަ ހަމަޖައްސައިދީ، ޝެލްޓަރ ބައިގައި ކުރެވޭ މަސައްކަތައް ބޭނުންވާ ސާމާނާއި، ކާނާއާއި، ލިޓަރ ފިޔަވައި އެހެނިހެން ތަކެއްޗާއި، ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުން އަގުދީގެން އަމިއްލަ ބަޔަކާ ކެޓް ޝެލްޓަރ ހަވާލު ކުރާއިރު، މާލޭ ސިޓީގެ މަގުތަކުގައި ވީއްލިގެން އުޅޭ ބުޅާތައް އޮޅު ހިޔާ އަށް ވެއްދުމުގެ މަސައްކަތްކުރާނީ މިނިސްޓްރީން ކަމަށް ބުނެފައިވެ އެވެ. އަދި އޮޅު ހިޔާގެ އިދާރީ ހިންގުމާއި، އެތަނުގެ ސެކިއުރިޓީ އާއި ކުލިނިކާއި، ފެއަރތަކާއި ކޭމްޕް ތައް ބޭއްވުމާއި، ބުޅަލުގެ އެޑޮޕްޝަން ކަންކަން ހިންގުމާއި، އޮޅުހިޔާގެ އިންވެންޓްރީ އާއި ސްޓޮކް ބަލަހައްޓާނީ މިނިސްޓްރީން ކަމަށް ވެސް ބުނެފައިވެ އެވެ.