ރައްޔިތުންގެ މަޖިލީހުގެ މެންބަރުންން ތިބީ އަޅުންގެ ގޮތުގައި ބަނދެވިފައި ކަމަށާއި، އެގޮތުގައި ތިބެ ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރުން ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމާ ބެހޭ ބިލަށް ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، ޤާނޫނު އަސާސީ އަށް ބަދަލުވެ ގެނެސް މެންބަރުންން ތިބީ ބަނދެފައި ކަމަށެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޤާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް ބަދަލު ގެނެސްފައިވާ ކަމަށް ފާހަގަ ކުރައްވައި ޒިޔާދު ވިދާޅުވީ، މެންބަރުންން ތިބީ ބަނދެވިފައި ކަމަށެވެ.

އެހެންކަމުން އެ ބަނދެވުން މޮހާލައިގެން ނޫނީ ރައްޔިތުންގެ ޙައްގުގައި މެންބަރުންންނަށް ވަކާލާތު ނުކުރެވޭނެ ކަމަށާއި، މިއަދު މެންބަރުންންނަކީ އަޅުންތަކެއް ކަމަށް މެންބަރުން ޒިޔާދު ވަނީ ވިދާޅުވެފައި އެވެ. އެކަން ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވެގެން ކަމަށާއި، އެއީ މެންބަރުންންނަށް އިތުބާާރު ނެތިގެން ކޮށްފައިވާ ކަމެއް ކަމަށް ވެސް ޒިޔާާދު ވިދާޅުވި އެވެ.

އެ އިތުބާރު ނެތީމާ ހަތްދިހަ ތިން ވަނަ މާއްދާ ދެހާސް ސައުވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހު ގެނެސްފައި މި އޮތީ. އެއީ ހަ ވަނަ އިސްލާޙު ޤާނޫނު އަސާސީ އަށް. އެ މޮހުން މޮހާލައިގެން ނޫނިއްޔާ، މި ޢިއްޒަތްތެރި މެންބަރުންންނަކަށް ޙަގީގީ ވާހަކައެއް ނުބުނެވޭނެ. ބަނދެފައި އެ ތިބީ، އަޅުންގެ ގޮތުގައި އިއްޒަތްތެރި ރައީސް އެ ތިބީ. އެގޮތަށް ތިބެގެން ރައްޔިތުންގެ ޙައްގުގައި ވަކާލާތެއް ނުކުރެވޭނެ.
ޙުސެއިން ޒިޔާދު (ފިއްޓޭ)

އިތުރަށް ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ޕާާޓީ އިން ވަކިވެއްޖެ ނަމަ މެންބަރުންގެ ގޮނޑި ގެއްލުމަށް އޭނާ ވެސް ތާއީދު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، މިހާރު ޤާނޫނު އަސާސީގައި އޮތް ގޮތުން، ޕާޓީ އިން ފިޔަވަޅު އެޅުމުން ވެސް ގޮނޑި ގެއްލޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ. ޒިޔާދުގެ ވާހަކަ އަށް ހުރަސް އަޅުއްވަން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު މަސައްކަތް ކުރެއްވުމުން ޒިޔާދު ވިދާޅުވީ، މެންބަރުންން ބަނދެވިފައި ތިބުމުގެ އިޙުސާސް މަޖިލީހުގެ ރައީސް އަށް ވެސް ކުރެވޭނެ ކަމަށެވެ.

މަޖިލީހުގެ ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ ވެސް އިންނެވީ ބަނދެވިފައި ކަމަށާއި، މަޖިލީހުގެ ރައީސް އިންނެވީ "ނޯމަލް" ކޮށް ނޫން ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައި އެވެ. އެއާ އެކު ޒިޔާދު ވިދާޅުވީ މަޖިލީހުގެ ރައީސް އިންނެވީ "ނިއު ނޯމަލް" ގައި ކަމަށެވެ.

މީގެ އިތުރުން ޒިޔާދު ވިދާޅުވީ ޤާނޫނު އަސާސީގައި އެގޮތަށް އޮވެގެން ރައްޔިތުންގެ ހައްގުގައި ވާހަކަ ނުދެއްކޭނެ ކަމަށެވެ. މިއަދު މަސައްކަތް ކުރަމުން އެ ދަނީ މުޅި ޤައުމު ވިއްކާލަން ކަމަށާއި، މުޅި ޤައުމު ބޭނުން މީހަކު ނުވަތަ ހިތުހުރި މީހަކަށް ދިނުމަށް ޤާނޫނު އިސްލާޙު ކުރަމުން އަންނަ ކަމަށެވެ. މިފަދަ ބޮޑެތި އިސްލާޙުތައް ޤާނޫނު އަސާސީ އަށް ގެންނަމުންދާއިރު، ރިޔާސަތުގައި ޢަބްދުއް ރަހީމް އިންނެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. 

ބިލަށް އިތުރަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، ބިލުގައި އޮތީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ވަގުތެއްގައި، ބޭނުންފުޅުވާ ގޮތަކަށް، ބޭނުން އެއްޗެއް ދެވޭނެ ކަމަށެވެ. އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަ ނޫން ކަމަށާއި، ރައީސް ކަމުގައި ތާއަބަދު ރައީސް މުޢިއްޒު އަށް ނުހުންނެވޭނެ ކަމަށް ވެސް ޒިޔާާދު ވަނީ ވިދާޅުވެފައި އެވެ. އެހެން ނަމަވެސް މި ސަރުކާރުގެ ބާާކީ މި އޮތް ދެ އަހަރުގެ ތެރޭގައި ދިވެހި ރާއްޖޭގެ ހުރިހާ ފަޅުރަށްތަކާއި، ފަޅުތަކެއް ބަހައި ނުލާނެކަން ޔަޤީން ނުވާ ކަމަށް ވެސް ޒިޔާދު ވަނީ ވިދާޅުވެފައި އެވެ.

ސަރުކާރުން އެކަން އެގޮތުގައި ކުރިޔަސް، ރައްޔިތުންގެ މަޖިލީހަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށް ފާހަގަ ކުރައްވައި ޒިޔާދު ވިދާޅުވީ، މެންބަރުން ތިބީ ހަތަރެސް ފައި ބަނދެވިފައި ކަމަށެވެ.