ސަރުކާރު
ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ދެނެގަނެ، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން
އެ ކުންފުނިތަކަށް ކުރާނެ އަސަރުތައް ދިރާސާކޮށް ލަފާދޭނެ ހާއްސަ މާހިރަކު ހޯދުމަށް
މިނިސްޓްރީ އޮފް ފައިނޭންސްއިން އިއުލާނުކޮށްފި އެވެ.
މި މަގާމަށް ހޯދަނީ "ޗީފް އެސްއޯއީ ފައިނޭންޝަލް
އެންޑް ބިޒްނަސް ސްޓްރެޓެޖިސްޓް" އެކެވެ.
ފައިނޭންސް
މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، މި މަގާމަށް ހޮވޭ ފަރާތަކަށް މުސާރައާއި
އިނާޔަތުގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 46،000 ރުފިޔާ ލިބޭނެ އެވެ. މިއީ އެއް އަހަރު
ދުވަހުގެ މުއްދަތަށް އައްޔަންކުރާ ކޮންޓްރެކްޓް ވަޒީފާއެކެވެ.
މި މަގާމަށް
ޝައުގުވެރިވާ ފަރާތްތަކުން އކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ
ސުންގަޑިއަކީ މި މަހުގެ 9 ވަނަ ދުވަހެވެ.
މި މަގާމަށް
އައްޔަންކުރާ މީހެއްގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދައުލަތުގެ ހިއްސާވާ
ކުންފުނިތަކުގެ މާލީ ހާލަތުގެ ހަގީގީ މަންޒަރު ފެންނާނެހެން ރިޕޯޓުކުރުމަށްޓަކައި،
އެ ކުންފުނިތަކުގެ މާލީ ބަޔާންތައް އަލުން އެކުލަވައިލުމާ ގުޅޭ އިރުޝާދާއި އިސްތިރާޖީ
ލަފާ ފޯރުކޮށްދިނުން ހިމެނެ އެވެ.
މީގެ އިތުރުން،
ކުންފުނިތަކުގެ މާލީ ބަޔާންތަކުގެ އެކްސްޓަރނަލް އޮޑިޓްތަކުން ފާހަގަވާ މައްސަލަތަކާއި
މެނޭޖްމަންޓް ލެޓަރތަކުގައި ހުންނަ ކަންކަން އިސްލާހުކުރުމަށް ބޭނުންވާ އިރުޝާދު ދިނުމަކީ
ވެސް މި މަގާމުގެ މުހިންމު ޒިންމާއެކެވެ.
ދައުލަތުގެ
ބަޖެޓަށް ކުންފުނިތަކުގެ ސަބަބުން ކުރާ މާލީ ބާރު ކުޑަކުރުމަކީ ވެސް މި މަސައްކަތުގެ
ބޮޑު އަމާޒެކެވެ. އެގޮތުން ސަރުކާރުން ކުންފުނިތަކަށް އިންވެސްޓްކުރާ ފައިސާ ނުވަތަ
ކެޕިޓަލް އިންޖެކްޝަންތަކުގެ ނަތީޖާ މިހާރަށްވުރެ ހަރުދަނާކޮށް، އެންމެ ފައިދާހުރި
ގޮތުގައި ބޭނުންކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ދިރާސާތައް މި ސްޓްރެޓެޖިސްޓް ކުރަންޖެހޭނެ
އެވެ. އަދި ކުންފުނިތަކުން ހިންގާ މަޝްރޫއުތަކަށް ފައިސާ ހޯދޭނެ އިތުރު ގޮތްތައް ހޯދުމާއި،
އެންމެ އިސްކަންދޭންޖެހޭ މަޝްރޫއުތައް ކަނޑައެޅުމުގައި ލަފާދޭންޖެހޭނެ ކަމަށް ފައިނޭންސް
މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން،
ސަރުކާރުން އެކުލަވައިލާ އެކި ސިޔާސަތުތަކުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތަށް
ކުރާނެ އަސަރުތައް ދެނެގަތުމަކީ ވެސް މި މަގާމުގެ މަސްއޫލިއްޔަތެކެވެ. އެފަދަ ސިޔާސަތުތަކުން
ނުކުމެދާނެ ނޭދެވޭ ނަތީޖާތައް ކުޑަކުރުމަށްޓަކައި ސަރުކާރަށާއި ކުންފުނިތަކަށް ބޭނުންވާ
ފަންނީ ލަފާ ފޯރުކޮށްދިނުމަށް ވެސް މިނިސްޓްރީން ވަނީ ޝަރުތުކޮށްފަ އެވެ.
ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ދައުލަތުގެ
ހިއްސާވާ ކުންފުނިތައް އިސްލާހުކޮށް، އެ ކުންފުނިތަކަކީ ދައުލަތަށް ބުރައަކަށް ނުވާނެ
ފަދަ ގޮތަކަށް ހިންގުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންކަމަށް ބުނެފައިވާއިރު،
ވެރިކަން ފެށުނު ފަހުން އެސްއޯއީތަކުގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަށަށް
ދާކަމަށް ސަރުކާރުން ނެރޭ އެކި ރިޕޯޓުތަކުން ދަނީ ފެންނަމުންނެވެ.