ރަށްރަށާއި
ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ
މަޝްރޫޢުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ
ބަދަލުގައި ހިމެނޭ ބައެއް މާއްދާތައް ޤާނޫނުއަސާސީއާ ތަޢާރުޒުވާ ކަމަށް ހުޅުމާލެ ދެކުނު
ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ
މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް ގެނައުމަށް ހުށަހެޅިފައިވާ ބަދަލުތަކަށް
ބަހުސް ކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، މި ބިލުގައި ހިމެނޭ ގޮތަށް އިންވެސްޓްމަންޓުގެ
ހަތްދިހަ ފަސް އިންސައްތަ މަސައްކަތް ކުރާ ފަހުންވެސް އެއްވެސް ބަދަލެއް ނެތި އެ މުދާ
ދައުލަތަށް ނެގޭ ގޮތަށް އޮތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
މެންބަރު
ޝަމްހީދު ވިދާޅުވީ، ދިމާވާ ކަމަކުން އެ ޕްރޮޖެކްޓެއް ހުއްޓިދާނެ ކަމަށާއި، ދުނިޔެއަށް
ދިމާވާ ކާރިސާއެއްގެ ސަބަބުން ވެސް މަޝްރޫއެއް ހުއްޓިދާނެ ކަމަށެވެ. އެހެންވެ އެ ހިސާބުން
ސަރުކާރުން އެ ޕްރޮޖެކްޓެއް ބަދަލު ނުދީ ދައުލަތަށް އެ މުދާ ނެގޭ ގޮތަށް މި ޤާނޫނުގައި
އޮތް އޮތުމަކީ ޤާނޫނުއަސާސީއާ ވެސް ތަޢާރުޒުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު
އިތުރަށް ވިދާޅުވީ، މީހުންގެ މުދާ ނެގެންވާނީ އަދުލުވެރި ބަދަލެއް ދީގެން ކަމަށާއި
އެ ކަންކަން ބަދަލުވާން ޖެހޭނެ ކަމަށެވެ.
ބިލުގައި އެބަވޭ އިންވެސްޓްމަންޓުގެ 75 އިންސައްތަ މަސައްކަތް ކުރާ ފަހުންވެސް އެއްވެސް ބަދަލެއް ނެތި، އެ މުދާ ދައުލަތަށް ނެގޭ ގޮތަށް، އަޅުގަނޑު ޤަބޫލެއް ނުކުރަން އެއީ ރަނގަޅު ގޮތެއް ކަމަކަށް، ހަމަ ދިމާވާ ކަމަކުން އެ ޕްރޮޖެކްޓެއް ހުއްޓިދާނެ، ދުނިޔެއަށް ދިމާވާ ކާރިސާއެއްގެ ސަބަބުންވެސް ހުއްޓިދާނެ، އެހާ ހިސާބުން ސަރުކާރުން އެ ޕްރޮޖެކްޓެއް ބަދަލު ނުދީ، ދައުލަތަށް އެ މުދާ ނެގޭގޮތަށް މި ޤާނޫނުގައި އޮތް އޮތުން ޤާނޫނުއަސާސީއާވެސް ތައާރުޒުވޭ، މީހުންގެ މުދާ ނެގެންވާނީ އަދުލުވެރި ބަދަލެއް ދީގެން، އެ ކަންކަން ބަދަލުވާން ޖެހޭނެޑރ. އަހުމަދު ޝަމްހީދު
މި ބިލުގައި
ހިމެނޭ ގޮތުން ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި
ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ
އިހުތިސާސުން ވަކިކުރުމަށް މައި ސަރުކާރުން ނިންމާ ހާލަތެއްގައި އެ ތަންތަން ސަރުކާރަށް
ނެގޭ ގޮތަށް ހަދާފައިވެ އެވެ.
މި ބަދަލުގެ
ސަބަބުން ކައުންސިލްތަކުގެ ބާރުތައް ކުޑަވެ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް
އަންނާނެ ކަމަށް ބައެއް މެންބަރުން ފާހަގަކުރައްވަ އެވެ. މި ބިލަކީ ސަރުކާރުން ބޭނުންވާ
ތަންތަން ކައުންސިލްތަކުގެ އިހުތިސާސުން ނަގައި ސަރުކާރުގެ އިހުތިސާސަށް ބަދަލުކުރެވޭނެ
ގޮތް ހަދާ ބިލެއް ކަމަށް ވެސް ބައެއް މެންބަރުން ތަކުރާރުކޮށް ފާހަގަކުރައްވަ އެވެ.