ކައިވެނި
ކުރުމަށްޓަކައި ބައްޕަ ވަލީ ނުދީގެން، ވަލީ ހޯދުމަށް އުމުރުން 18 އަހަރުގެ އަންހެން
ކުއްޖަކު އޭނާގެ ބައްޕައާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައެއް ބަލައިނުގަނެ ބޭރުކޮށްލައިފި
އެވެ.
މި މައްސަލައަކީ
ޅ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެން ކުއްޖަކު، އޭނާގެ ބައްޕައާ ދެކޮޅަށް މެޖިސްޓްރޭޓް
ކޯޓަކަށް ހުށަހެޅި މައްސަލައެކެވެ.
މިކަމުގެ
މައުލޫމާތު އެނގޭ ފަރާތަކުން "ރާއްޖެއެމްވީ" އަށް ކިޔައިދިން ގޮތުގައި، އެ
އަންހެން ކުއްޖާ މި މައްސަލަ ހުށަހަޅާފައިވަނީ ލ. އަތޮޅުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ.
ނަމަވެސް އެ ކޯޓުން މައްސަލަ ބޭރުކޮށްލަން ނިންމީ، މައްސަލަ ރައްދުވާ ފަރާތް ނުވަތަ
ކުއްޖާގެ ބައްޕައަކީ ލ. އަތޮޅުގެ ރަށެއްގައި ދިރިއުޅޭ އަދި އެރަށަށް ނިސްބަތްވާ މީހަކަށް
ނުވާތީ އެވެ.
މައުލޫމާތު
ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާގެ ބައްޕައަކީ ޅ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ
މީހެކެވެ. އަދި އޭނާއަކީ ލ. އަތޮޅުގައި ދިރިއުޅޭ މީހަކަށް ނުވާތީ، އިހުތިސާސް ނެތް
ކަމަށް ބަލައި ކޯޓުން ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމާފަ އެވެ.
އެ އަންހެން
ކުއްޖާ ލ. އަތޮޅުގެ ކޯޓަށް މި މައްސަލަ ހުށަހަޅަން މެދުވެރިވި ސަބަބާ ގުޅޭގޮތުން މައުލޫމާތު
ދިން ފަރާތުން ބުނީ، އެ ކުއްޖާ ކައިވެނި ކުރަން ބޭނުންވަނީ ލ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ
މީހަކާ ކަމަށްވާތީ ކަމަށެވެ. އެހެންކަމުން ކައިވެނީގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި
އެ އަތޮޅުގެ ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް ބެލެވެ އެވެ.
މި މައްސަލާގައި
ބައްޕަ ވަލީ ނުދީގެން ކޯޓު މެދުވެރިކޮށް ވަލީ ހޯދަން މަސައްކަތް ކުރި ނަމަވެސް، އިހުތިސާސް
ފެތޭ ކޯޓަކަށް މައްސަލަ ހުށަހަޅާފައި ނުވާތީ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ
ނުވެފައެވެ.
ރާއްޖޭގެ
އާއިލާއާ ބެހޭ ގާނޫނު ބުނާގޮތުން، އަންހެނަކު ކައިވެނި ކުރަން ބޭނުންވުމުން އޭނާގެ
ވަލީވެރިޔާ އުޒުރުވެރިވާ ނަމަ، ކޯޓު މެދުވެރިކޮށް "ވަލީއުލް ޙާކިމް" ގެ ދަށުން
ކައިވެނި ކޮށްދިނުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވެއެވެ. ނަމަވެސް އެފަދަ މައްސަލަތައް
ހުށަހަޅަންޖެހެނީ ކަނޑައެޅިފައިވާ ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިންނެވެ.