ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް ބުދަ ދުވަހު ވަޑައިގަންނަވައިފި އެވެ.

މި ދަތުރުފުޅުގައި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުން ހާމަކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރަށުގެ ތަރައްޤީއަށާއި އާންމު ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރޫޢުތަކާގުޅޭ ހަފުލާތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް މުއިއްޒު ވަނީ ހުސްވި އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އުކުޅަހަށް ވަޑައިގަނެފަ އެވެ. 

އެ ދަތުރުފުޅުގައި އެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން
ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައާއި
ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ހިމެނެ އެވެ. ހަމަ މިއާއިއެކު
ސްކޫލުގައި ލައިބްރަރީ އަކާއި ސައިންސް ލެބެއް ނެތުމުން ކިޔަވާ ކުދިންނަށް
ދިމާވާ ދަތިތައްވަނީ ހިއްސާކުރައްވާފަ އެވެ. ރަށުގެ ޞިއްހީ މަރުކަޒުގެ
ޖާގައިގެ ދަތިކަމާއި، މިހާރު ހަދަމުންގެންދާ ބައި އަވަހަށް
ނިންމައިދިނުމަށާއި، ތަނަށް ބޭނުންވާ މުވައްޒަފުންގެ ދަތިކަން މެންބަރުން
ވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އުކުޅަހު ކޮންވެންޝަން ސެންޓަރުގައި ކުރިއަށްގެންދެވި ރައްޔިތުންގެ ބައްދަލުވުމުގައި ރައީސް ވަނީ، ރަށުގެ
ތަރައްޤީއަށްޓަކައި، އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތައް ފުއްދެވުމުގެ
ގޮތުން ކުރައްވަމުން ގެންދަވާ އަދި ކުރިއަށްހުރި ބައެއް މަޝްރޫޢުތަކުގެ
މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. މި މަޝްރޫޢުތަކަކީ ވަރަށް ބޮޑު
އިސްކަމެއް ދެއްވައިގެން، ވަރަށް ގާތުން ބައްލަވައިގެން، ހަލުވި ދުވެލީގައި
މަސައްކަތްކޮށް ނިންމަވައިދެއްވާނެ މަޝްރޫޢުތަކެއްކަމުގައިވެސް
ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އުކުޅަހު ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ އެއްބަސްވުމާއި،
އުކުޅަހު ސްކޫލުގައި އޮފީސް އިމާރާތެއް ގާއިމްކުރުމުގެ މަޝްރޫޢުގެ
އެއްބަސްވުން، އަދި، އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގެ
އެއްބަސްވުމުގައި އޮގަސްޓް 20 ވަނަ ދުވަހުގެ ރޭގެ ބައްދަލުކުރެއްވުމުގައި ސޮއިކޮށްފައިވާއިރު،
މި މަޝްރޫޢުތަކަކީ ރަށަށް ނުހަނު ބޭނުން މަޝްރޫޢުތަކެއްކަމުގައި
ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ރަށުގައި އަދި 50 ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް، ހުސްވި އަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފަ އެވެ.