ކައުންސިލްތަކުގެ ބާރު ކަނޑުވާލާއިރު، ޕީއެންސީގެ ކައުންސިލަރުން ވެސް އެމްޑީޕީއާ ގުޅިގެން އިހުތިޖާޖު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަޕަރސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ކަނޑާލުމަށް މަސައްކަތް ކުރާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ކައުންސިލަރުން ވެސް އެމްޑީޕީއާ އެކު އިހުތިޖާޖު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ތިއްބެވީ އެ ބޭފުޅުންގެ އަމިއްލަ ބާރުތައް އުނިކޮށް، ހުރިހާ ބާރެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ދެއްވައިގެންކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމުގެ ހިތާމަ މިއަދު އެ މެންބަރުން ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ޕީއެންސީ މަޖިލިސް މެންބަރުން އެ ތިއްބެވީ އެ ބޭފުޅުން އަމިއްލަ ފުޅަށް އެބޭފުޅުންގެ ބާރުތައް އުނިކޮށް ރައީސް ޑރ.މުއިއްޒުގެ އަތްޕުޅަށް ހުރިހާ ބާރެއް ދެއްވައިގެން. އެ ހިތާމަ މިއަދު މެންބަރުން ކުރޭ
މުހައްމަދު ނަޝީދު 

މީގެ އިތުރުން ނަޝީދު ވިދާޅުވީ މިފަހަރު މި ދަތުރު މި ޖެހެނީ ޕީއެންސީގެ ކައުންސިލަރުންނަށް ކަމަށެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހަނިކުރަމުންދާ ދިއުމާ ދެކޮޅަށް، ސިޔާސީ ފިކުރު އެއްކިބާކޮށް ޕީއެންސީގެ ކައުންސިލަރުން ނުކުތުމަށް ނަޝީދު ގޮވާލެއްވިއިރު، 13 އޯގަސްޓް 2026 ގައި އެމްޑީޕީން ވަނީ ދަތިވެއްޖެ ނަމުގައި ބޮޑު މުޒާހަރާއެއް މާލޭގައި ކުރުމަށް ނިންމާފަ އެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުގައި ހުރިހާ ކަމެއްގައި ދަތިކުރަމުންދާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތައް ގެނެސް ކައުންސިލަރުންގެ ބާރު ހަނި ކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މިހާރު ވެސް ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު، އަތޮޅު ކައުންސިލްތައް ވަނީ އުވާލާފަ އެވެ.  އަދި ކައުންސިލްގެ ފަހު ދައުރު މަސައްކަތް ނުކުރެވޭ ގޮތް ވެސް ވަނީ ހަދާފަ އެވެ.