އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން
ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަވަނީ ދައުލަތުގެ ބަޖެޓުން ނޫން ކަމަށާއި، އެއީ
ޕީއެންސީގެ ޚަރަދުގައި ކުރިއަށްދާ ކަންކަން ކަމަށް ރައީސް ޑރ. މުހައްމަދު
މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އުކުޅަހުގައި ބޭއްވި ކޮންގްރެސް
ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އުކުޅަހަށް ކުރެއްވި މި ދަތުރުފުޅަކީ
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެއްވި ރަސްމީ ދައުވަތެއް ގަބޫލުކުރައްވައިގެން ފެއްޓެވި
ދަތުރުފުޅެއް ކަމަށެވެ. އެގޮތުން ރަސްމީ ބައްދަލުވުންތަކުގެ އިތުރުން ސަރުކާރުން އެ
ރަށުގައި ކުރިއަށްގެންދާ އެކިއެކި މަޝްރޫއުތަކާ ގުޅޭ ކަންކަން ވެސް ބައްލަވާލައްވާފައިވާނެ
ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ޕީއެންސީން ބޭއްވި ޖަލްސާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން
ރައީސް ވިދާޅުވީ، އެ ޖަލްސާއަކީ ރަސްމީ މަސައްކަތްތައް ނިންމާލުމަށްފަހު މާލެ ފުރުމުގެ
ކުރިން ބޭއްވި ޖަލްސާއެއް ކަމަށެވެ. އަދި މިއީ ކައުންސިލް އިންތިޚާބުގައި އުކުޅަހު
ރައްޔިތުން ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް
ކުރިން ވިދާޅުވެފައިވާތީ ބޭއްވެވި ބައްދަލުވުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގެ ތެރެއިން ސިޔާސީ
މަސައްކަތް ކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔަފާނެ ކަމަށެވެ. ނަމަވެސް ރަސްމީ
ބައި ނިންމުމަށްފަހު ހިނގާ ހުރިހާ ކަމަކީ ޕާޓީގެ އިންތިޒާމުގެ ތެރެއިން ހިނގާ ކަންކަން
ކަމަށާއި، އުކުޅަހުގައި މަޑުކުރެއްވުމަށް ހިނގާ އިތުރު ޚަރަދުތަކަކީ ވެސް ޕާޓީން ކުރާ ޚަރަދުތަކެއް
ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސިފަކުރެއްވި ގޮތުގައި މިއީ "އެއް ދޮނުގައި
ދެ ބުޅި ޖެހުން" ފަދަ ކަމެކެވެ.

އެހެންވެ ރަސްމީބައި ނިމުމު ކުރިން ފުރުމުގެ ކުރިން އަޅުގަނޑު ހިތަށް އެރީ، އެއް ދޮނުގައި ދެބުޅި ޖަހަން އެބަ ޖެހެއޭ، އެހެންވެ އަޅުގަނޑު ހިތަށް އެރީ ޕާޓީގެ ޖަލްސާއެއް ބާއްވާފައޭ މާލެ ދާނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު 

މީގެ އިތުރުން ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން
އަބަދުވެސް ބަލާނީ ދޮގު ވާހަކަތައް ފަތުރައިގެން ސަރުކާރުގެ އަގު ވައްޓާލުމަށް ކަމަށެވެ.
އެހެންކަމުން ހަގީގަތް އޮޅޭގޮތަށް ދައްކާ ވާހަކަތަކަށް ސަމާލުވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ
އެވެ.

ނިމިދިޔަ ކައުންސިލު އިންތިޚާބާ ދިމާކޮށްވެސް
ރައީސް ވަނީ އެކި ރަށްރަށަށް ވަޑައިގެން ކެމްޕޭނު ކުރައްވައި ދައުލަތުގެ
ވަސީލަތްތައް ބޭނުން ކުރައްވާފައެވެ.