ރާއްޖޭގައި ހެލިކޮޕްޓަރުގެ
ޚިދުމަތް ދިނުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ މައުލޫމަތު ހާމަ ކުރެވޭކަށް
ނެތް ކަމަށް ސިވިލްއޭވިއޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސިވިލް އޭވިއޭޝަން މިނިސްޓްރީން މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހެދިއިރު، ރައީސް މުއިއްޒުގެ
ސަރުކާރުން ބުނެފައިވަނީ 2024 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައި ހެލިކޮޕްޓަރުގެ
ޚިދުމަތް ފަށާނެ ކަމަށެވެ.
އެ ތާރީޚު ބޮޑުތަނުން
ފަހަނަ އަޅާ ގޮސްފައިވަނިކޮށް ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އޮގަސްޓް
މަހު ބަޔަކާއެކު އެއްބަސްވުމެއް އެކުލަވައިލެވޭނެ
ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު
އަމީން ވަނީ ޖުލައި މަހު ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ
އެވެ.
އެ އިންޓަވިއުގައި
އަމީން ވިދާޅުވެފައިވަނީ، ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އެކި ފަރާތްތަކުން ހުށަހެޅި ހުށަހެޅުންތައް ބަލައި މިހާރު ނިމިފައިވާ
ކަމަށާއި، އެއްބަސްވުމެއް އެކުލަވައިލުމުގެ
މަސައްކަތާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
ބިޑު އިވެލުއޭޝަން ގެ މަސައްކަތް ނިމިފައިވާ ކަމަށް ކުރިން މިނިސްޓަރު ވިދާޅުވެފައި އޮއްވާ އޮގަސްޓް މަހުގެ 4
ވަނަ ދުވަހުގެ ތާރީޚުގައި ރާއްޖެޓީވީ އަށް ލިޔުމުން ފޮނުވި ޖަވާބުގައި
ބުނެފައިވަނީ، އެ ޚިދުމަތް ދިނުމާ ގުޅިގެން މަޝްރޫއަށް ބިޑު ހުށަހަޅާފައިވާ
ފަރާތްތަކުގެ އިވެލުއޭޝަން މަސައްކަތް ކުރިއަށްދާތީ، އެއީ ކޮންފަރާތްތަކެއްކަން
ހާމަ ކުރެވެން ނެތް ކަމުގަ އެވެ.
އިތުރަށް ބުނެފައިވަނީ، ހެލިކޮޕްޓަރުގެ
ޚިދުމަތް ފެށުމަށްޓަކައި ދެވަނަ އިއުލާނެއް ކުރި ކަމަށާއި، އެ އިއުލާނާ ގުޅިގެން
ކުރިމަތިލާފައިވާ ފަރާތްތަކުގެ ބިޑު އިވެލުއޭޝަން ކުރިއަށްދާ ކަމަށެވެ. ނަމަވެސް
ކުރިމަތިލީ ކިތައް ފަރާތުން ކަމެއް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ނުބުންޏެވެ.
ސިވިލް އޭވިއޭޝަން
މިނިސްޓްރީން ވަނީ ހެލިކޮޕްޓަރު ޚިދުމަތް ދޭން އެދޭ ފަރާތްތަކުން ހުށަހެޅުން ހުށަހަޅަން ތިން ފަހަރު މަތިން
މީގެ ކުރިން އިއުލާނުކޮށްފަ އެވެ. އެކަމަކު އެންމެ ފަހުން ކުރި އިއުލާނު މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހު ވަނީ އެ މުއްދަތު އޭޕްރިލް މަހުގެ 20 ވަނަ ދުވަހަށް
އިތުރުކޮށްފަ އެވެ.
ޚިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވާ ތާރީޚުތައް ފަހަނައަޅާ ދާއިރު، މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ،
ރާއްޖޭގައި އެ ޚިދުމަތް ފަށަން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ
(ސީއެއޭ)ގެ ލަފާގެ މަތިން ތަހުލީލު ހެދި ކަމަށާއި ޚިދުމަތުގައި ބޭނުން ކުރާނީ
ސަލާމަތީ ގޮތުން އޮޕަރޭޓު ކުރަން އެންމެ ރަނގަޅު ހެލިކޮޕްޓަރު ކަމަށެވެ.
27 އޮކްޓޯބަރ 2025 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު
ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ 2024 ވަނަ އަހަރުގެ މާޗު
މަހު ސަރުކާރުން ޚިދުމަތް ދޭން ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ނުފެށި
ލަސްވަނީ ކީއްވެތޯ މިނިސްޓަރު އަމީން އާ ސުވާލު ކުރައްވާފަ އެވެ. މެންބަރުގެ އެ ސުވާލަށް ޖަވާބު
ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުގެ ގޮތުން
ތައްޔާރުކުރާ ރިލަޔަބިލިޓީ، އެވެއިލަބިލިޓީ، މެއިންޓެއިނަބިލިޓީ އެންޑް ސޭފްޓީ
އިންޑިކޭޓާ (އާރްއެފްޕީއައި) ޕްރޮސެސް އޮތީ ހުއްޓިފައި ކަމަށެވެ. މިހާރު ގާނޫނީ
ގޮތުން އެކަން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަލުން ރީ ޑިޒައިންކޮށް ހުޅުވާލައިގެން އިތުރު ފަރާތެއް ހޯދަނީ ކަމަށް ވެސް ވިދާޅުވި އެވެ.