ތައުލީމީ ދާއިރާއާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް އެދިވަޑައިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ސިޓީ އެއް ފޮނުއްވައިފި އެވެ.

މެންބަރު ކުޑޫ ފޮނުއްވި މި ސިޓީގައި ވަނީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމާ ގުޅޭގޮތުން އެކި ފަރާތްތަކުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާފައިވާ ސުވާލުތައް ހިމަނުއްވާފަ އެވެ. 

އެގޮތުން ސްކޫލުތައް އެއް ދަންފަޅިއަކަށް ބަދަލުކުރުމުން ޓީޗަރުންނަށް ވަރކް ލޯޑް ކުޑަވެ، މަސައްކަތްތައް ތަރުތީބުކުރެވި، ޓީޗަރުންގެ އަމިއްލަ ދިރިއުޅުމާއި ދަރިންގެ ކަންކަން ކުރަން ވަގުތު ދެވި ދަރިންނާއި މައިންބަފައިންނަށް އެކުގައި ހޭދަކުރެވޭ ވަގުތު ވެސް ގިނަވާނެ ކަމަށް ތައުލީމީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ކަން މެންބަރު ވަނީ ފާހަގަ ކުރައްވާފަ އެވެ. މީގެ އިތުރުން ވެސް އެއް ދަންފަޅިއަށް ބަދަލުކުރުމުން ގިނަ ފައިދާތަކެއް ހުރިކަމަށް ވާއިރު، މާލޭ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލު ކުރެވޭނީ ކޮން އިރަކުންތޯ މެންބަރު ސުވާލު ކުރައްވާފައިވެ އެވެ. 

ޓިއުޝަން ދިނުމަކީ މިހާރު ބޮޑު ވިޔަފާރިއަކަށް ވެފައިވާ ކަމެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އަދި މިހާރު ޓިއުޝަން ނަގައިދޭ އަގު އުޅެނީ ހަފްތާ އަކު 2 ނުވަތަ 3 ކްލާސް 1 ގަޑިއިއަށް، 2500 ރުފިޔާ އަދި 3000 ރުފިޔާ އިން މަތީގައި ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. މިއީ ބެލެނިވެެރިންގެ އަތުން ކުރާ ވަރަށް ބޮޑު ޚަރަދެއްކަން ފާހަގަކުރައްވާ މެންބަރު ވިދާޅުވީ ސްކޫލުގައި ކިޔަވައިގެން ދަރިވަރުންނަށް އެއްޗެއް ނޭނގޭ ނަމަ ސްކޫލުގެ ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ނުވަތަ ރަނގަޅު ޓީޗަރުން ހޯދުމަށް މިނިސްޓްރީ އިން ކުރަނީ ކޮން ކަމެއްތޯ ސާފު ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ބިދޭސީ ޓީޗަރުންނަށް ވިސާ ދީފައި ވަނީ ސްކޫލުގައި ކިޔަވައިދޭން ކަމަށް ވާއިރު އިތުރު އާމްދަނީ ހޯދަން ޓިއުޝަން ދިނުމަކީ ވަޒީފާގެ ވިސާއާ ޚިލާފު ކަމެއް ނޫންތޯ ސާފު ކުރެއްވުމަށް ވެސް މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ. 

މެންބަރުގެ ސުވާލުތަކުގައި އިތުރަށް ވަނީ އެދުރުވެހި ފްލެޓްތަކުގައި މިހާރު ހުސްކޮށް ހުރި ފްލެޓުތަކުގެ އަދަދު ހޯއްދެވުމަށް ވެސް ހުށަހަޅުއްވާފަ އެވެ. އަދި ހުސްކޮށް ހުރި ފްލެޓްތައް ޓީޗަރުންނަށް ދޫކުރުމުގައި ގެންގުޅެނީ ކޮން އުސޫލެއްތޯ އަދި އެތަނުން ފްލެޓް ދެވެން ހުރި ނަމަ އެކަން ކުރައްވާނެ ތާރީޚަކަށް ވެސް މެންބަރު އެދިވަޑައިގަންނަވާފައިވެ އެވެ. 

މީގެ އިތުރުން އަހްމަދިއްޔާ ސްކޫލަކީ ކިޔަވައިދިނުން ރަނގަޅުކަން ފާހަގަ ކުރެވޭ މޮޅު ސްކޫލެއް ކަމަށާއި އެއީ ސަރުކާރަށް ބިމު ކުލި ދައްކަން ނުޖެހޭ ޕްރައިވެޓް ސްކޫލެއްކަން މެންބަރު ކުޑޫ ވަނީ ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް، ކުދިން އަތުން ބޮޑު ފީއެއް ނަގައިގެން އެ ސްކޫލުގައި ކިޔަވައިދޭ ކަން މެންބަރު ފާހަގަ ކުރެއްވި އެވެ. އަދި އެ ސްކޫލުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ވަރަށް ގިނަ ކަމަށާއި އަގު ބޮޑު ކަމަށް މެންބަރު ވިދާޅުވި އެވެ. 

އެހެންކަމުން މެންބަރު ވަނީ ދަރިވަރުންތަކެއް ގޮވައިގެން ރާއްޖޭން ބޭރަށް ސްކޫލުތަކުން ދާއިރު އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދަން ޖެހޭ ތޯ ސުވާލު ކުރައްވާފަ އެވެ. އަދި މިފަދަ ދަތުރުތަކުގެ ޚަރަދުތައް ކޮންޓްރޯލް ކުރުމުގައި ތައުލީމީ ވުޒާރާ އިން ގެންގުޅުއްވަނީ ކޮން ސިޔާސަތެއްތޯ ވެސް އައްސަވާފައިވެ އެވެ. 

ރާއްޖޭގައި ރިޓަޔަރ ކޮށްފައިވާ ފެންވަރު ރަނގަޅު ޓީޗަރުން ބޭނުންކޮށްގެން މޮބައިލް ޓީޗަރުންގެ ޓީމެއް އުފައްދާ، އެ ޓީމު އަތޮޅުތަކުގެ ފެންވަރު ދަށް ސްކޫލުތަކަށް ވަކި މުއްދަތަކަށް ފޮނުވާ އެ ސްކޫލުތަކަށް އެހީތެރިވުމަށް ވިސްނަވަން ތޯ މެންބަރު ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި ކުޅިވަރު އެކެޑަމީތަކުން ސްކޫލް ކުދިންނަށް ހިންގާ ޕްރޮގްރާމްތައް އެއްވެސް ވަރަކަށް އެޑިއުކޭޝަން މިނިސްޓްރީ އިން މޮނީޓަރ ކުރޭ ތޯ ބެލުމުގެ އިތުރުން އެކަން ހަމަޖެހިފައި އޮންނަ އުސޫލަކީ ކޮބައި ތޯ ހޯއްދެއްވުމަށް ވެސް ހުށަހަޅުއްވާފައިވެ އެވެ.