ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދިޔަ މީހަކަށް، އެ ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ ފަރާތުން ޖިންސީ ގޯނާކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ. 

ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދިޔަ މީހަކަށް، އެ ހޮސްޕިޓަލުގެ ޑޮކްޓަރެއް ޖިންސީ ގޯނާކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވާހަކަތަކާ ގުޅިގެން ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ، ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކެއް އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. 

ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކަކީ ބަލިމީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދެވޭ ޚިދުމަތްތަކެއް ކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި ބަލިމީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމެއް ނުވަތަ މައްސަލައަކީ ވެސް ނުހަނު ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ގާނޫނީ މިންގަނޑުތަކުގެ ތެރެއިން ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ ބަލިމީހުންނަށް ދެވޭ ފަރުވާއާއި ސިއްހީ ޚިދުމަތުގެ ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާއެއް
ހޮސްޕިޓަލުގެ ބަޔާން

މީގެ އިތުރުން، ބަލިމީހާގެ ރުހުން ހޯދުމާއި ކްލިނިކަލް އުސޫލުތަކަށް އެންމެހާ މުވައްޒަފުން އަމަލުކުރުމަށް ބާރުއަޅާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަގީގަތް ބެލުމެއް ނެތި ފަތުރާ މައުލޫމާތުތަކުގެ ސަބަބުން ޚިދުމަތް ހޯދާ މީހުންނާއި ސިއްހީ ޚިދުމަތްތެރިންނަށް ނަފްސާނީ ނުތަނަވަސްކަން ލިބޭތީ އެކަމާ ހޮސްޕިޓަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިފަދަ ކަންކަމުގެ ސަބަބުން ޚިދުމަތް ދިނުމަށް ދަތިތަކާ ކުރިމަތިވެދާނެތީ، ކަށަވަރުނުވާ ހަގީގަތާ ޚިލާފު މައުލޫމާތު ނުފެތުރުމަށް ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެ އެވެ.