އިތުރަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކުރިން ނަގާފައިވާ ސްޓޫޑެންޓް ލޯން މެދުކަނޑާނުދޭ މައްސަލައިގައި ބެލެނިވެރިންނާއި ދަރިވަރުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އެގޮތުން ޑިގްރީއަށް ކިޔަވަން ސްޓޫޑެންޓް ލޯން ލިބިގެން ރާއްޖެއިން ބޭރަށް ގޮސް ކިޔަވައިގެން އަންނަ ކުދިން މާސްޓާރސްއަށް ކިޔަވަން ފުރުސަތު ލިބި، ފަހުން ލިބޭ ލޯނުން ކިޔަވަން ނުދެވޭ ކަމުގެ ޝަކުވާ އަންނަނީ ދަރިވަރުންނާއި ބެލެނިވެރިން ކުރަމުންނެވެ. އަދި މާސްޓަރސްއަށް ކިޔަވަން ފޮނުވާ ފައިސާ ކެނޑެނީ ކުރީގެ ލޯނައް ކަމަށް ބެލެނިވެރިން އަންނަނީ ބުނަމުންނެވެ.
މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް ތެރެއިން އާދިއްތަ ދުވަހު ވަނީ އެޑިޔުކޭޝަން މިނިސްޓްރީއަށް ގުޅައި ކުރިން ނަގާފައިވާ ލޯނު މެދުކަނޑާލަދޭތޯ ސުވާލު ކޮށްފައި އެވެ.
ޖަވާބުގައި މިނިސްޓްރީން ބުނީ ވަކި ހާއްސަ އުސޫލެއް މިފަހުން ހެދިފައި ނުވާ ކަމަށާއި މިހާރު ވެސް އަމަލު ކުރަމުން ދަނީ ކުރީގެ އުސޫލަށް ކަމަށެވެ. ނަމަވެސް ދައްކަން ޖެހޭ ފައިސާއެއް އޮތް ނަމަ ދައްކަން ޖެހޭނެ ކަމަށާއި، ކުރިން ނަގާފައިވާ ލޯން ދެއްކުމަށް ވަކި ހާއްސަ އުސޫލެއް އޮންނާނެ ކަމަށެވެ.
ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ކުރީގެ ލޯން މެނދުކަނޑާލަދޭތޯ ނުވަތަ ނޫންތޯ ސާފުކޮށްދީފައި ނުވެ އެވެ. ނަމަވެސް މިނިސްޓްރީން ބުނީ ގެޒެޓް ކޮށްފައިވާ އުސޫލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ލޯން ނުލިބުމާއި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލިބެން ޖެހޭ ފައިސާ ނުލިބޭ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.