ހދ. ހިރިމަރަދޫ ކައުންސިލް އުވާލުމާ ގުޅިގެން އެ ރަށު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ، އެމްޑީޕީ އިން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ސަމާލުކަމަށް ގެނެސްފި އެވެ. 

އެގޮތުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީ އިން ވަނީ އާދިއްތަ ދުވަހު  އެޗްއާރްސީއެމްއާ ބައްދަލުކޮށްފަ އެވެ.  

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ހދ. ހިރިމަރަދޫ ކައުންސިލް އުވާލި
މައްސަލައިގައި ހުރި ކަންބޮޑުވުންތައް އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނައުން ކަމަށާއި ހިރިމަރަދޫގެ ކައުންސިލް އުވާލާ އެ ރަށް ފަޅުކުރަން ރައީސް މުއިއްޒުގެ ސަރުކާރުން ނިންމާފައިވުމުން، ހިރިމަރަދޫ ރައްޔިތުންނަށް އާންމުކޮށް ލިބެންޖެހޭ ހިދުމަތްތައް ނުލިބޭ ކަމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ ސަބްކޮމިޓީގެ މުގައްރިރު އަހުމަދު ޝަފީގު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ އެ ރަށަށް އައްޔަންކޮށްފައިވާ ކައުންސިލަރެއް ވެސް ސަރުކާރުގެ ވެރިއެއް ވެސް ނެތް ކަމަށެވެ.

ހިރިމަރަދޫގައި މިހާރު ކައުންސިލަރެއް ނެތް. ދައުލަތުން
އައްޔަންކޮށްފައިވާ ވެރިޔަކު ވެސް ނެތް. އަދި ރައްޔިތުންނަށް އާންމުކޮށް ލިބެންޖެހޭ
ހިދުމަތްތަކެއް ނުލިބޭ
އަހުމަދު ޝަފީގު

ޝަފީގު ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ހަނިމާދޫގައި ހިރިމަރަދޫ
ރައްޔިތުންނަށް 184 ހައުސިން ޔުނިޓު ގާއިމްކުރަން ވައުދުވެފަ އެވެ. ނަމަވެސް މި
ވައުދު ފުއްދޭނެކަމުގެ އުއްމީދު ގެއްލިފައިވާކަމަށް ޝަފީގު ވިދާޅުވި އެވެ.

ހަމައެއާއެކު ހިރިމަރަދޫ ރައްޔިތުންނަށް އަޅާލުމާއި އެހީތެރިކަން ދިނުމަށް
ޝަފީގު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. އަދި ރައްޔިތުން ތިބީ މާޔޫސްކަމެއްގެ
ތެރޭގައި ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.

ހިރިމަރަދޫގައި މިހާރު 300 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާއިރު
ރައީސް މުއިއްޒު އެ ރަށް ފަޅުކުރަން ނިންމެވި ގަރާރު ބާތިކުލުކުރުމަށް އެމްޑީޕީ އިން ވަނީ
ގޮވާލައިފަ އެވެ.