އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މުޒާހަރާ ބައްވާ ވާހަކަ އިއުލާން ކުރުމުން، ސަރުކާރުގެ މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ އިން ބާއްވަން ތައްޔާރުވަމުން އަންނަ "ދަތިވެއްޖެ" މުޒާހަރާއާ ގުޅިގެން އާދީއްތަ ދުވަހުގެ ހަވީރު އެ ޕާޓީ އިން ބޭއްވި ޕިކަޕު ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ، މިއަދު ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން މަސް ދޯނި ފަހަރުތަކަށް އަރުވާ ކޮފީ ދަޅުން ފެށިގެން، ސްކޫލު ދަރިވަރުންނަށް ގަނެދޭ އިންޓަވަލްގެ އަގު ވެސް ބޮޑުވެފައިވާ ކަމަށް ރާއީ ވިދާޅުވި އެވެ.

އެގޮތުން ރާއީ ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ މުޒާހަރާ ބާއްވާނެ ކަމަށް އެމްޑީޕީ އިން އިއުލާން ކުރި ހިސާބުން، ސަރުކާރު ތެޅި ގަންނަން ފަށައިފި ކަމަށެވެ. އެގޮތުން ސަރުކާރުގެ މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށާފައިވާ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ކެތް ނުވާ ކަމަށް ރައީ ވިދާޅުވި އެވެ. އަދި ސަރުކާރުން ބޭނުން ވަނީ އެމްޑީޕީގެ މުޒާހަރާ ހުއްޓުވަން ކަމަށް ވެސް ރާއީ ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ވާހަކަ ދައްކަން ފެށީމާ، މި މުޒާހަރާ ބާއްވަން ވީމާ ސަރުކާރު ތެޅި ގަނެއްޖެ. މިނިސްޓަރުން ޓިކްޓޮކް ކުޅެން ފަށައިފި، ރައީސުލްޖުމްހޫރިއްޔާ އަކަށް ކެތެެއް ނުވި. މިކަން ހުއްޓުވަން
މުހައްމަދު ރާއީ

މީގެ އިތުރުން ރާއީ ވިދާޅުވީ އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެރޭ މުޒާހަރާ ބާއްވަނީ ދިވެހި ރައްޔިތުންނަށް، ޚާއްސަކޮށް ސަރުކާރުން ވަޒީފާ އިން ކަނޑާލި މީހުންނަށް ބައިވެރިވެވޭނެ ގޮތަށް ކަމަށެވެ. އަދި އެމްޑީޕީ އިން މުޒާހަރާ އަށް މާލޭ ކައިރީ ރަށް ރަށުން ރައްޔިތުން ގެންނާނެ ކަމަށާއި، މުޅި ރާއްޖެ އިން ރައްޔިތުން ގެންނާނެ ކަމަށް ވެސް ރާއީ ވިދާޅުވި އެވެ. 

މުޒާހަރާގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރި ވާނެ ކަމަށް ފާހަގަ ކުރައްވައި ރާއީ ވިދާޅުވީ، މި ސަރުކާރު ވައްޓާލަން ބޭނުންވާ ނަމަ ރައްޔިތުން މާލެ އަރައި، މުޒާހަރާގައި ބައިވެރިވާން ޖެހޭ ކަމަށެވެ. 

އެއާ އެކު ރާއީ ވިދާޅުވީ، ސަރުކާރުން އެއްވެސް ރަށެއްގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއެއް ކުރިއަށް ނުގެންދާ ކަމަށާއި، އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށެވެ. ރައްޔިތުންނަށް ފައިދާ ވާނެ އެއްވެސް ކަމެއް ސަރުކާރުން ކޮށްދީފައި ނުވާ ކަމަށް ވެސް ރާއީ ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ ސަރުކާރުން ގެންދަނީ ސިޔާސީ މަޤާމުތައް އެތައް ބަޔަކު ނަގަމުން ކަމަށާއި، އެއްވެސް މަސައްކަތެއް ނުކުރާ ބަޔަކަށް ހާހުން ހާހުން މުސާރަ ދެމުން ކަމަށެވެ. ރާއްޖޭގައި ޑޮލަރު ލިބޭ އަގު އިންތިހާ އަށް މަތިވެފައިވާ ކަމަށާއި، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާ މީހުންނަށް އިންތިހާ އަށް ދަތިވެފައިވާ ކަމަށް ވެސް ރާއީ ވަނީ ވިދާޅުވެފައި އެވެ. 

އެމްޑީޕީ އިން މުޒާހަރާ އަށް ނުކުތުމަކީ ސަރުކާރާއި، ރައްޔިތުންގެ ޓެކްސް ފައިސާ އިން ނުހައްގުން ފައިސާ ނަގަމުން އަންނަ އެންމެނަށް ވެސް އުނދަގޫ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.