ބ. ކިހާދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރަތް ޤާއިމުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެވަޑައިގެންފައިވާ ވައުދުފުޅު ނުފުއްދި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ މަސައްކަތަށް އަނެއްކާ ވެސް ސަރުކާރުން އައު ޑެޑްލައިނެއް ދީފި އެވެ.
ރައީސް މުއިއްޒުގެ
ސަރުކާރަށް ދެއަހަރު ވެގެންދާއިރު ވެސް ބ. ކިހާދޫއަށް ކޮށްދެއްވަން ވައުދުވެ ވެވަޑައިގެންނެވި
އެއްވެސް މަސައްކަތެއްގެ އަމަލީ މަސައްކަތް ނުފެށޭކަން ރައީސް މުއިއްޒު ވަނީ ގަބޫލުކުރައްވާފަ
އެވެ.
މިދިޔަ އަހަރުގެ އޯގަސްޓު މަހު އެރަށަށް ވަޑައިގެން
ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވަނީ ރިޔާސީ
އިންތިހާބުގެ ކެމްޕޭނުގައި ކިހާދޫއަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ނުފުއްދިވާކަން
ފާހަގަކުރައްވާފަ އެވެ. އަދި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ހެލްތު ސެންޓަރަށް ޖާގަ އިތުރުކުރުމުގެ
މަސައްކަތާއި އެމްބިއުލާންސް ހޯދުމުގެ ވައުދުފުޅު ވެސް ނުފުއްދިވާކަން ރައީސް ވަނީ
ގަބޫލުކުރައްވާފަ އެވެ.
މިހާރު މިއަހަރު ދެބައިވެގެންދާއިރު އެ މަޝްރޫއުގެ
އަދާހަމައާ ގުޅޭގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ސިއްހަތާ
ބެހޭ ވަޒީރު ގީލާ އަލީއާ ސުވާލުކުރައްވާފަ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި
އެ ސުވާލަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ ބ. ކިހާދޫގެ ހެލްތު ސެންޓަރުގެ
ޖާގަ އިތުރުކުރުމަށް އެކްސްޓެންޝަން އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ބަޔަކާ
ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ވަނީ ރަށަށް މޮބަލައިޒްކުރެވިފައިކަމަށް
އޭނާ ވިދާޅުވި އެވެ.
ވަޒީރު ގީލާ ވިދާޅުވީ، އެކްސްޓެންޝަން މަސައްކަތުގެ
އަމަލީ މަސައްކަތް މި މަސްތެރޭ ފެށިގެންދާނެކަމަށާއި އަންނަ އަހަރު އެ މަސައްކަތް
ނިމި ހިދުމަތްތައް ދެވޭނެކަމަށެވެ.
ޖާގަ އިތުރުކުރުމަށް އެކްސްޓެންޝަން އިމާރާތެއް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކުރެވިފަ، އަދި އެ މަސައްކަތް މިހާރު ވަނީ ރަށަށް މޮބަލައިޒްކުރެވިފައި. އަދި އެކްސްޓެންޝަން މަސައްކަތުގެ އަމަލީ މަސައްކަތް މި މަސްތެރޭ ފެށިގެންދާނެގީލާ އަލީ
އަދި ކިހާދޫއަށް އެމްބިއުލާންސެއް ފޯރުކޮށްދީ ހިދުމަތް
މިހާރު ފެށިފައިވާކަމަށް ވެސް ގީލާ ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ނުފުއްދިވުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއެވެ.
މިއީ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް މުއިއްޒު އެރަށަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.