ހުވަދޫ ކަނޑަށް ގެއްލުނު ތިން ދިވެހިން ހޯދަން ބޭރު ދުނިޔޭގެ އެހީ ހޯދަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނި ނަމަވެސް އެކަމާއި ގުޅޭ ގޮތުން އެއްވެސް ތަފްސީލެއް އަދިވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. 

އާދިއްތަ ދުވަހު ފޮރިން މިނިސްޓްރީން ވަނީ ސަޕްލައި ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު މީހުން ހޯދުމަށް ރާއްޖެއާ ގާތް ގައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި އެވެ. ނަމަވެސް އެހެން ބުނިފަހުން 24 ގަޑިއިރު ވެގެން ދިޔައިރު ވެސް އެކަމުގެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ.

މިކަމާއި ގުޅިގެން އިތުރު ތަފްސީލް ހޯދުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްގެ ބަހެއް ހޯދަން ރާއްޖެޓީވީން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވެ އެވެ. އަދި މިނިސްޓަރަށް ކުރި މެސްޖަށް ވެސް ޖަވާބު ދެއްވާފައެއް ނުވެ އެވެ. 

ކަނޑުމަތީގެ ހާދިސާގައި ގެއްލިގެން ހޯދާ 3 ދިވެހީން ހޯދުމުގައި ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯއްދަވަން މަސައްކަތް ކުރައްވާ ވާހަކަ ސަރުކާރުން ބުނެފައި އެބައޮތް. އެކަމުގެ އަޕްޑޭޓެއް އެބައޮތްތޯ؟ އެއްވެސް ގައުމަކާ ވާހަކަ ދެކެވިއްޖެތޯ؟ ޖަވާބެއް ލިބިއްޖެތޯ؟
ރާއްޖެޓީވީން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްއަށް ކުރެއްވި ސުވާލު

މި ހާދިސާއަކީ 5 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ 22:37 ހާއިރު ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް އަޑިއަށް ދިޔަ ހާދިސާއެކެވެ. ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު އެމްއެންޑީއެފުން ސަލާމަތް ކޮށްފައިވެ އެވެ. ނަމަވެސް ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފަ އެވެ. 

މިހާދިސާއާ ގުޅޭގޮތުން ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އެއްވެސް އިސްބޭފުޅެއް އެއްޗެއް ވިދާޅުވެފައިނުވާއިރު، ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީ ހޯދަން ނިންމާފައި ވަނީ ވެސް 3 ދުވަސް ފަހުންނެވެ.