ޕޮލިސް ސާޖަންޓް އަލީ ނާފިއު އާއި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދު ކަނޑަށް ގެއްލިގެން ހޯދަމުންދާތާ 4 ދުވަސް ވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އާއިލާތަކަށް ހަމްދަރުދީ ފާޅުކުރެއްވުމުގެ ގޮތުން ގުޅުއްވާފައި ނުވާ ކަމަށް އާއިލާއިން ބުނެފި އެވެ.

މި ހާދިސާ ހިނގާފައިވަނީ 5 އޮގަސްޓް 2026 ވަނަ ދުވަހުގެރޭ 22:37 ހާއިރު އެވެ. ނަމަވެސް، މިހާތަނަށް ރައީސް މުއިއްޒު މި ހާދިސާއާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާކަން އާއިލާއިން ފާހަގަކުރެ އެވެ.

ގެއްލުނު ފުލުހުންގެ ސާޖަންޓް ނާފިއުގެ އާއިލާގެ މެންބަރަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، ސަރުކާރުގެ އެއްވެސް އިސް މީހަކު ގުޅާފައި ނުވި ނަމަވެސް، ޕީއެންސީއަށް ނިސްބަތްވާ ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލްއަޒީޒު، ނާފިއުގެ އަންހެނުން ޔުމްނާ ޖުނައިދުއަށް މެސެޖެއް ކުރެއްވި ކަމަށެވެ. އަދި އެ މެސެޖުގައި މި ހިތްދަތިކަމުގައި ބައިވެރިވާ ކަމަށާއި ކަމާބެހޭ އިދާރާތަކާ ވާހަކަ ދައްކަވަމުންގެންދަވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ޔުމްނާ އެ މެސެޖަށް ދިން ޖަވާބުގައި ޔުމްނާގެ މުޅި ދިރިއުޅުމަކީ ނާފިއު ކަމަށާއި ކޮންމެ ގޮތަކުން ވިޔަސް އޭނާ ހޯދައިދިނުމަށް އެދިފައިވާ ކަމަށް ނާފިއުގެ އާއިލާގެ މެންބަރު ބުންޏެވެ. އަދި ނިކަމެތި އާއިލާއަކަށް ވީތީ ރައީސް ރިއެކްޓް ނުކުރައްވަނީތޯ އާއިލާއިން ވަނީ ސުވާލު އުފައްދާފަ އެވެ.

ރައީސްއަށް ދޭން ބޭނުންވާ މެސެޖަކީ ބޭރު މީހަކަށް ނޫންވީމަހޭ، މިނިސްޓްރީގެ ބޮޑު މީހެއްގެ ދަރިއަކަށް ނުވީމަހޭ، ނިކަމެތި އާއިލާއެއްގެ މީހެއް ގެއްލުނީމަހޭ މިހާވަރަށް ރައީސް ޚަބަރު ނުފޯރުވަނީ
އާއިލާ މެންބަރެއް

މީގެ އިތުރުން، ގެއްލިގެން ހޯދަމުންދާ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހްމަދުގެ އާއިލާއަށް ވެސް ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެއްވެސް މެސެޖެއް ނުވަތަ ކޯލެއް ލިބިފައި ނުވާކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެ އާއިލާއަށް ގުޅުއްވައި ވާހަކަ ދައްކަވާފައިވެ އެވެ. 

މި ހާދިސާގައި ދެން ގެއްލިގެން ހޯދަމުންދާ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، މުހައްމަދު ހަމްދޫންގެ އާއިލާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.