ސަރުކާރުގެ މަޝްރޫއުތައް ހުއްޓިފައިވާ މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކޯފާ އިސްކުރައްވައި، ކެބިނެޓް ބައްދަލުވުމުގައި ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވި މި ކެބިނެޓް ބައްދަލުވުމުގައި ރައީސް ވަނީ މަޝްރޫއުތައް ނުހިނގަނީ ވަޒީރުން ފަރުވާކުޑަކުރެއްވުމުން ކަމަށް ވިދާޅުވެ، ބައެއް ވަޒީރުންނަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފަ އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ރައީސް މުއިއްޒު އެންމެ ބޮޑަށް ކޯފާ އިސްކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީންއަށެވެ. މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރާއްޖެއެމްވީން މިނިސްޓަރު އަމީންއަށް ގުޅައި މެސެޖު ކުރި ނަމަވެސް، އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

މީގެ އިތުރުން މަޝްރޫއުތަކަށް ފައިސާ ހަމަނުޖެހި ހުރި މައްސަލައިގައި، ރައީސް މުއިއްޒު ވަނީ މިހާރުގެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ރައީސް ކޯފާ އިސްކުރައްވައި ވާހަކަ ދެއްކެވުމާއެކު، އާދިއްތަ ދުވަހުގެ ކެބިނެޓް ބައްދަލުވުން ވަނީ އާންމުކޮށް ނިންމާލާ ވަގުތަށްވުރެ މާ އަވަހަށް ނިންމަވާލައްވާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރަށް މިހާރު ވަނީ ބަޖެޓް ސަޕޯޓަށާއި މަޝްރޫއުތަކަށް ބޭރުގެ އެހީ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ރާއްޖޭން ބޭރުން އެހީ ހޯދަން ކުރި މަސައްކަތްތައް މިހާތަނަށް ކާމިޔާބުވެފައި ނުވާއިރު، މިކަމުގެ ސަބަބުން ސަރުކާރަށް އޮތް ޕްރެޝަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

އިންތިޚާބުތަކާ ދިމާކޮށް ގިނަ މަޝްރޫއުތައް ހަވާލުކުރިއިރު ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މިހާރު ގިނަ މަޝްރޫއުތަކެއް ވަނީ ހުއްޓިފަ އެވެ. މީގެ ތެރޭގައި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން، އަމިއްލަ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުލިބޭ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.

މި މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވެސް ދަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.