ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މާލޭގެ ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި އެކުއްޖާގެ ޒާތީ ޗެޓްލޮގްތައް ހާމަ ކުރެއްވުން، ހޯމް މިނިސްޓަރު އަލީ އިހުސާން ދިފާއު ކުރައްވައިފި އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިހުސާން އެގޮތަށް ވާހަކަ ދައްކަވާފައި ވަނީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން އޭޕްރީލް މަހުގެ 23 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައުލޫމާތު ހާމަކުރަން ޖެހުނީ ކީއްވެގެންތޯ އަދި އެކަމުގެ ޤާނޫނީ އިޚްތިޔާރު ސަރުކާރުގެ އިސްވެރިންނަށް ލިބިގެންވޭތޯ މެންބަރު ވަނީ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އެ ކުއްޖާގެ މައުލޫމާތު ހިމާޔާތް ކުރުމުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުބާރު ދެމެހެއްޓުމަކީ ވެސް އޭނާގެ ޒިންމާއެއް ކަމަށެވެ. އެެހެންކަމުން އެ އިތުބާރު ދެމެހެއްޓުމަށްޓަކައި، އެ ހާދިސާ ހިނގައި ދިޔަ ގޮތުގެ ބައެއް ޚާއްސަ މައުލޫމާތު ހިއްސާ ނުކޮށް، އެ ކުއްޖާ ދެއްކި ވާހަކަ އާއި ފުލުހުން ދިން ޖަވާބު އަދި ފުލުހުން އަމަލު ކުރި ގޮތެއް ސާފުކޮށް ނުދެވޭ ކަމަށެވެ.

އެގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ އެ ފަދަ ހާދިސާތަކެއްގެ އަސްލު މައުލޫމާތު ހާމަނުކޮށްފި ނަމަ، އެއީ ކަމެއް ފޮރުވުން ކަމަށް ބުނާނެ ކަމަށެވެ. އަދި އެ މައުލޫމާތު ފުރިހަމަ އަށް ހާމަކޮށްފި ނަމަ، އެއީ ޕްރައިވަސީ އަށް އަރައިގަތުން ކަމަށް ބުނާ ކަމަށެވެ. އެއާ އެކު މިނިސްޓަރު އިހުސާން ވިދާޅުވީ އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ވެސް، އެފަދަ މައުލޫމާތު ހާާމަ ކުރެވޭ މިންވަރު ބަޔާން ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ރާއްޖޭގައި މިހާތަނަށް އެފަދަ ޤާނޫނެއް ހެދިފައި ނެތް ކަމަށް އިހުސާން ވިދާޅުވި އެވެ.

ދަނާލް ހާދިސާގައި ނިޔާވި ކުއްޖާގެ ޒާތީ މައުލޫމާތު އެ ދުވަހު އާންމު ކުރެއްވީ މަޖުބޫރުވެގެން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. އަދި ދިވެހި ފުލުހުންނާ ދޭތެރޭގައި ޝައްކު ކުރެވޭ ކޮންމެ ޙާލަތެއްގައި އެ މައުލޫމާތު ހާމަ ނުކުރި ނަމަވެސް، މިފަދަ ކަންކަމުގައި އަދި ކޮންމެހެން ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަންކަމުގައި އެ މައުލޫމާތު ހާމަ ކުރުމަކީ ޚިދުމަތުގެ އަގު އަދި އިތުބާާރު ހިފެހެއްޓުން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މި ދެންނެވުނު ދުވަހުގައި އަޅުގަނޑުމެންނަށް މަޖުބޫރުވި، ފުލުހުންގެ އެ ސަރވިސް، ކޮންމެ ކަމެއް ނޫން، ފުލުހުންނާ ދޭތެރޭގައި ޝައްކު ކުރެވޭ ކޮންމެ ހާލަތެއްގައި އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ މިފަަދަ މައުލޫމާތެއް ހާމައެއް ނުކުރާާނަން. އެހެން ނަމަވެސް، މިކަހަލަ ނާޒުކު ހާލަތްތަކުގައި ރައްޔިތުން ކޮންމެހެން ޚިދުމަތަށް އެދޭ އަދި އެ ޚިދުމަތަށް އެދި ގޮވަ ގޮވާ ތިބި އެތައް ބައިވަރު ރައްޔިތުންްނެއް ކޮންމެ ދުވަހަކު ވެސް ތިބޭއިރު، އެ ޚިދުމަތުގެ އަގު ހިފެހެއްޓުމަށް ނުވަތަ އިތުބާރު ހިފެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޤަބޫލު ކުރަން
އަލީ އިހުސާން

މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ، އެ ހާދިސާގެ ހަގީގާތް އޮޅޭ ގޮތަށް ބައެއް ސިޔާސީ ފަރާތްތަކުން އަމަލު ކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި ނޫސްވެރިން އަމަލު ކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށް ފާހަގަ ކުރައްވައި އިހުސާން ވިދާޅުވީ، އެފަދަ ހާލަތްތަކުގައި ފައިދާ ނަގައިގެން ސިޔާސީ ބައެއް ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށެވެ.

ދަނާލްގައި ހިނގި ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މީގެ ކުރިން ހޯމް މިނިސްޓަރު އިހުސާން ވަނީ އެ ކުއްޖާ އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓު ޔުނިޓާ ދެމެދު އެންމެ ހައްސާސް ވަގުތުގައި ދެކެވިފައިވާ ވާހަކަތަކުގެ ޗެޓްލޮގްތައް ހާމަކުރައްވާފައި އެވެ.

އެކަމާ ގުޅިގެން އެތައް ބަޔަކު ވަނީ މިނިސްޓަރު އިހުސާން އާއި ސަރުކާރަށް ވެސް ފާޑު ކިޔައިފައި އެވެ. އެގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބޭ ފަރާތްތަކުން ދައްކާ ވާހަކަތައް އެއްވެސް އިމެއް ނެތި ހާމަ ކުރެވޭ ނަމަ، އެފަދަ ހޮޓްލައިންތަކަށް އާންމުން ކުރާ އިތުބާރު ގެއްލިގެންދާނެ ކަމަށް އެތައް ބަޔަކު އޭރު ވެސް ދިޔައީ ބުނަމުންނެވެ.

އެ މައްސަލައިގައި މިނިސްޓަރު އިހުސާން އަށް އެތައް ބައެއް ފާޑުކިޔުން އަމާޒުވަމުން ދިޔަ ނަމަވެސް، ރައީސް މުއިއްޒު ވެސް ވަނީ އެކަން ދިފާއުކުރައްވާ ވާހަކަފުޅު ދައްކަވައިފަ އެވެ.