މާލޭގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތުގައި އަލިފާން ރޯވެފައި ވަނީ ބަޔަކު ގަސްދުގައި އަލިފާން ޖަހައިގެން ނޫން ކަމަށާއި، އެއީ ކަރަންޓުގައި ދިމާވި މައްސަލައަކުން ހިނގި ހާދިސާއެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންް މިނިސްޓަރު އިހުސާން ވިދާޅުވީ، ތިން މިނިސްޓްރީގައި އަލިފާން ރޯވި މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ޤައުމުތަކުގެ އެހީތެރިކަން ހޯދި ކަމަށެވެ. އެ ޤައުމުތަކާާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ނިންމާފައިވާ ކަަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

އަދި އެ ތަހުގީގުން ހާމަވީ، އެއީ ބަޔަކު މީހުން ގޮސް އަލިފާން ޖަހާފައިވާ ހާދިސާއެއް ނޫން ކަމަށް އިހުސާން ފާހަގަ ކުރެއްވި އެވެ. އެއީ ކަރަންޓު ނަރުގައި ރޯވެގެން ދިމާވި ހާދިސާއެއް ކަމަށާއި، އެންމެ ފުރަތަމަ މަރުހަލާގައި ފުލުހުން އެ ތަނަށް ދިޔައިރު، ފުލުހުންގެ ބޮޑީކެމް ފުޓޭޖުތަކުން އެކަން ސާފުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއާ އެކު މިނިސްޓަރު ވިދާޅުވީ، އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ، ސީލިންގުގައި ހުރި އެއަރ ކޮންޑިޝަން (އޭސީ) ތަކެއްގެ ނަރުތަކެއްގައި ކަމަށެވެ. އެ ހާދިސާ އިން ލިބުނު މުދަލުގެ ގެއްލުމެއް މިނިސްޓްރީ އަށް ނޭނގޭ ކަމަށާއި، އެކަން ޖެހޭނީ ސާފުކުރަން ކަމަށް ވެސް މިނިސްޓަރު އިހުސާން ވަނީ ވިދާޅުވެފައި އެވެ.

ބަޔަކު މީހުން ގޮސް އަލިފާން ޖަހާފައިވާ ހާދިސާއެއްގެ ގޮތުގައި ނޫން ތަހުގީގުން ފާހަގަ ވަނީ. ކަރަންޓުގައި ރޯވެފައި، އެންމެ ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ފުލުހުން އެ ތަނަށް އެޓެންޑުވެފައި، ފުލުހުންގެ ބޮޑީކެމް ވީޑިއޯ ފުޓޭޖުތަކުން އެކަން އަޅުގަނޑުމެންނަށް ސާފުވޭ. އެންމެ ފުރަތަމަ އަލިފާާން ރޯވެފައި ވަނީ ސީލިންގުގެ ތެރޭގައި ހުރި އެއަރ ކޮންޑިޝަނާތަކުގެ ތެރޭގައި ހުރި ވައިރުތަކެއްގައި
އަލީ އިހުސާން

ތިން މިނިސްޓްރީ ހިންގަމުން ދިޔަ އެ އިމާރާތުގައި އަލިފާން ރޯވެފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އަނދާ އަޅިއަށް ވެގެން ދިޔައީ ހައުސިންގ މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މުހިންމު ލިޔެކިޔުންތައް ހުރި އިމާރާތްތަކެވެ.