ރައްޔިތުންނަށް މިހާރު މި ފެނިގެންދަނީ ރައީސް ޑރ. މުހައްމަދު
މުއިއްޒު ޒިންމާ އިން ބަރީއަވެވަޑައިގަންނަވާ މަންޒަރު ކަމަށް ކެންދޫ ދާއިރާގެ ކުރީގެ
މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހޯމަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ކެބިނެޓުގައި މަސައްކަތްތައް ކުރިއަށްނުދާ ނަމަ، އެއީ ރައީސުލްޖުމްހޫރިއްޔާ ފެއިލް ވެވަޑައިގެންފައިވާކަމުގެ ނިޝާނެއް ކަމަށެވެ. އަދި ގައުމެއް ހިންގުމުގައި ދިމާވާނެ ގޮންޖެހުންތައް ރައީސް މުއިއްޒު ތަސައްވަރުކުރައްވާފައި ނުވާ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.

ހަމައެއާއެކު ސަރުކާރާ ހަވާލުވާ ކޮންމެ ބޭފުޅަކަށް ވެސް އިންތިގާލީ
މަރުހަލާއެއް ލިބިގެންދާ ކަމަށާއި، އެ މުއްދަތުގައި ޕްރޮޖެކްޓްތައް ހިންގޭނެ
މިންވަރު ރައީސް އަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

އިންތިހާބުވާ ކޮންމެ ރައީސް އަކަށް އިންޓަރިމް ޕީރިއަޑެއް އެބަ ލިބޭ، މި ޕީރިއަޑްގެ ބޭނުމަކީ ގައުމާ ހަވާލުވި އިރު ސަރުކާރު އޮތް ހާލަތު ދެނެގަތުން، ދައުލަތުގެ މާލީ ހާލަތު ދެނެގަތުން، ލިބެން ހުރި ފައިސާ އާއި ދައުލަތުގެ މާލިއްޔަތުގައި ހުރީ ކިހާ ފައިސާއެއްކަން އަދި ހަރަދުކުރަން ޖެހޭނީ ކިހާ ފައިސާއެއްކަމާއި ހިންގާ އަދި ފަށާފައި ވަނީ ކޮން ޕްރޮޖެކްތަކެއްތޯ އަދި އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނީ ކިހިނެއްތޯ ބަލާ ވަޒަން ކުރުމަށް އޮންނަ މަރުހަލާ އެއް އިންތިގާލީ މަރުހަލާ އަކީ
އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވި ގޮތުގައި ކެބިނެޓު ބައްދަލުވުން ބާއްވަން ވާނީ
ވެރިކަމަށް ދެ އަހަރުވެ ރައްޔިތުންގެ ނުރުހުން ފާޅުކުރާ ހިސާބަކުން ނޫން ކަމަށެވެ.
އަދި މިހާރު މި ފެނިގެންދަނީ ރައީސް މުއިއްޒުގެ އެއްވެސް ކަހަލަ ދުރުވިސްނުންފުޅެއް ނެތް މަންޒަރު ކަމަށާއި، ގައުމަށް ދިމާވެދާނެ ގޮންޖެހުންތައް އެ މަނިކުފާނު ތަސައްވަރު ވެސް ކުރައްވާފައި ނުވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

މީގެ އިތުރުން ކެބިނެޓުގައި ތިބި ގިނަ މިނިސްޓަރުންނަކީ ފައިސާ ދީގެން ގަނެފައި ތިބި ބައެއް ކަމަށާއި، ކެބިނެޓުގައި އިސްތިއުފާ ދޭން ބުނުމުން އިސްތިއުފާ ނުދީ
ބައެއް މިނިސްޓަރުން އެބަ ތިބި ކަމަށް އަލީ ހުސެއިން ވަނީ ތުހުމަތުކުރައްވާފަ އެވެ.

އަލީ ހުސެއިން ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަކަށް ވެވަޑައިގަންނަވާ ނަމަ، އެ ބޭފުޅެއްގެ ކިބައިގައި ހިކުމަތްތެރިކަން ހުންނަން ޖެހޭނެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ
ކެބިނެޓަށް މެންބަރުން އައްޔަނު ކުރެއްވުމުގައި، ގައުމަށް
ހިދުމަތް ކުރެވޭނެ ބަޔަކު ކަމުގައި ގަބޫލުކުރެވޭ ބަޔަކު އައްޔަންކުރެއްވުން މުހިންމު ކަމަށް
އަލީ ހުސެއިން ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވަނީ ގައުމަށް ތަރައްގީ އަދި ކުރިއެރުން ގެނުމަށް ވައުދުވެ ވަޑައިގެންފަ އެވެ. ނަމަވެސް ވެރިކަމަށް
ދެ އަހަރާ ބައިވެގެން ދިޔައިރު ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުދިޔުމުގެ
ސަބަބުން ރައްޔިތުންގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައި އެވެ.