ރާއްޖޭގައި ޑޮލަރުގެ އަގު މަތިވަނީ ނޫސްތަކުން ރައްޔިތުންގެ މެދުގައި ޕެނިކް ނުވަތަ ހާސްކަން އުފައްދާތީ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް
ޓްރޭޑް، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި އިގްތިސާދުގެ ދެފަރާތް ފޯރަމްގައި ވާހަކަ
ދައްކަވަމުން ޑޮލަރުގެ އަގު މަތިވާން ދިމާވާ މައިގަނޑު ސަބަބަކީ، ހެނދުނުގެ
ވަގުތުގައި ބައެއް ނޫސްތަކުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުންނަވަރު ހާމަކުރާތީ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި މި ގޮތަށް ރައްޔިތުންގެ މެދުގައި ޕެނިކް
އުފެއްދުމުގެ ސަބަބުން މާކެޓް ކޮންފިޑެންސް އަށް ނޭދެވޭ އަސަރު ކުރެ އެވެ.

ޑޮލަރާ ބެހޭގޮތުން ބައެއް ނޫސްތަކުގައި ހެނދުނު ހޭލާ ގޮތަށް މިއަދު 22 ރުފިޔާ މި ހުންނަ މައްސަލައާ ބެހޭގޮތުން އަޅުގަނޑު މި ވާހަކަ ދައްކަނީ ޕޮލިސީ މޭކަރ އެއް ގޮތުން ވިޔަފާރިވެރިންގެ ބިހާފް އަކު ނޫން އަޅުގަނޑު މި ވާހަކަ ދައްކަނީ. މިހެން މި ވާހަކަ މި ގެންނަ ފަރާތްތަކުން އަދި މި ޕެނިކް އުފައްދާ އުފެއްދުމުން މާކެޓައް އަސަރުކުރާނެ
މުހައްމަދު ސައީދު

ހަމައެއާއެކެ މި ފޯރަމްގައި ވާހަކަ ދައްކަވަމުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިމާދު ވިދާޅުވީ
ޑޮލަރުގެ އަގު އުފުލޭ ގޮތަށް ހަބަރުތައް ގެނައުމަކީ ރާއްޖޭގެ އިގްތިސާދަށް އޭގެން
ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އަދި މި ފޯރަމްގައި ބައިވެރިވި ވިޔަފާރިވެރިން ބުނެފައިވާ ގޮތުގައި ބޭންކުން
ދޫކުރާ ޑޮލަރުގެ އިތުރަށް، ވިޔަފާރި ބޭނުމަށް ވެސް ޑޮލަރު ފަސޭހަކަމާ އެކީ ލިބިގެންދެ
އެވެ. ނަމަވެސް، ގިނަ ވިޔަފާރިތަކުން އަންނަނީ ޑޮލަރުގެ އަގު ބޮޑުވުމާއި ޑޮލަރު ހޯދުމުގައި ހުރި ދަތިތަކުގެ ވާހަކަ ވަރަށް ގިނައިން ދައްކަމުންނެވެ. 

ނަމަވެސް، ވިޔަފާރިވެރިންނަށް ބޮޑު އަގުގައި ޑޮލަރު ގަނެވުނު ނަމަވެސް އާންމު
ރައްޔިތުންނަށް ޑޮލަރު ގަތުމަށް އެތައް ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައި އެވެ.
ޚާއްސަކޮށް ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި އެތައް ދަތިތަކެއް ދިމާވެފައިވެ އެވެ. ކަޅު ބާޒާރުގައި މިހާރު ޑޮލަރުގެ އަގު ހުރީ 22 ރުފިޔާގައި އެވެ. 

ޑޮލަރުގެ ސަޕްލައި ރާއްޖޭގައި މަދުވެފައި ވުމުގެ ސަބަބުން ރައްޔިތުންނަށް
ލިބިދޭންޖެހޭ ޒަރޫރީ މުދަލުގެ އަގުތައް ވަނީ 2025 އަޅާބަލާއިރު، ހަ އިންސައްތަ
މައްޗަށް ގޮސްފައި އެވެ. ރައްޔިތުންނަށް ބޭނުންވާ މުދާ އިންޕޯޓް ކުރަން ދަތިވެ، ތަކެތި ލިބުމަށް އެތައް ދަތިތަކާ ރައްޔިތުން ދަނީ ކުރިމަތިލަމުންނެވެ.

މިނިސްޓަރު ސައީދު މީގެ ކުރިން ވަނީ މަޖިލިސްގެ މެޖޯރިޓީ ލިބިއްޖެ ނަމަ
ޑޮލަރުގެ އަގު ހެޔޮ ކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ. ހަމައެއާއެކު ރައީސް މުއިއްޒު ވެސް ވެރިކަމާ ހަވާލުވެވަޑައިގަތީ ތަކެތީގެ އަގު
ކުޑަކުރައްވާ، ޑޮލަރުގެ އަގު ވެސް ހެޔޮ ކުރާއްވާނެ ކަމުގެ ވައުދުފުޅު ތަކާއެކު އެވެ.