ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައި
މުޅި ރާއްޖެއިން 121 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް
ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް
ހާމަކުރައްވައިފި އެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ކުރިއަށް
ގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
އަހުމަދު މުސްލިމް ހިއްސާކުރެއްވި މައުލޫމާތުގައި ވިދާޅުވީ، މި މުއްދަތުގައި މާލޭ އޭރިއާގައި
530 އަށްވުރެ ގިނަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާއިރު އަތޮޅުތެރޭގައި 600 އަށްވުރެ
ގިނަ އޮޕަރޭޝަން ކުރިއަށް ގެންދެވިފައިވާކަމަށެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން މާލެ ސަރަހައްދުން
760 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު އަތޮޅުތެރެއިން ހާހަކަށްވުރެ ގިނަ
މީހުން ހައްޔަރުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ
މައްސަލަތަކުގައި ތުހުމަތުކުރެވިގެން މާލެ ސަރަހައްދުން އެކަނިވެސް 14،000 މީހުން ބަލައިފާސްކޮށްފައިވާކަމަށް
އޭނާ ވިދާޅުވި އެވެ.
މި މުއްދަތުގައި ހިންގި އޮޕަރޭޝަންތަކުގައި މާލެ
ސަރަހައްދުން 137 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު މުޅި ރާއްޖެއިން
ޖުމުލަ 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާކަން އޭނާ ހާމަކުރެއްވި
އެވެ. ބަނގުރަލުގެ މައްސަލަތަކަށް ބަލާއިރު ޖުމުލަ 1856 ފުޅި ބަނގުރާ އަތުލައިގެންފައިވާކަމަށްވެސް
އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އެކަނި ހިންގި
އޮޕަރޭޝަންތަކުގައި 177 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު،
845 ބަނގުރާ ފުޅި އަތުލައިގަނެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަތުލައިގަތް
މަސްތުވާތަކެތީގެ އަގު 120 މިލިއަން ރުފިޔާއަށްވުރެ ގިނަ ކަމަށާއި، ބަނގުރާގެ މަގުމަތީ
އަގު 960،000 ރުފިޔާއަށްވުރެ ގިނަ ކަމަށެވެ.
މި މުއްދަތުގައި މާލެ ސަރަހައްދުން 560 މައްސަލައެއް
ކޭސްކޮށް ތަހުގީގު ކުރިއަށް ގެންދެވިފައިވާއިރު މުޅި ރާއްޖެއިން ޖުމުލަ 1533 މައްސަލައެއްގެ
ތަހުގީގު ކުރިއަށް ގެންދެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން
636 މައްސަލައެއްގައި ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާކަމަށް
އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މުޅި ރާއްޖެއިން މަސްތުވާތަކެތީގެ
މައްސަލައިގައި 7300 އަށްވުރެ ގިނަ ތަނެއް ބަލައި ފާސްކުރެވިފައިވާކަމަށްވެސް އޭނާ
ވިދާޅުވި އެވެ.