ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މަސްތުވާތަކެއްޗާ
ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރި 116 ބިދޭސީއަކު ރާއްޖެއިން ޑީޕޯޓު
ކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި
އެވެ.

މި މައުލޫމާތު ހިއްސާކުރެއްވީ ޑްރަގް އެންފޯސްމަންޓުން
ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް
އޮފް ޕޮލިސް އަހުމަދު މުސްލިމެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް
އަހުމަދު މުސްލިމް ވިދާޅުވީ، ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ
ދެކޮޅަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައިވާ
ކަމަށެވެ.

މީގެ ތެރެއިން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކުރި
116 މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ބޭނުންކުރުމާއި އަދި މި ނޫންވެސް
މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ކުށްތަކުގައި ޝާމިލުވާ މީހުން ކަމަށް ފުލުހުން މައުލޫމާތު
ދެ އެވެ.

މީގެ އިތުރުން، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ
ދަށުން ފުލުހުންނަށް ލިބިދީފައިވާ އިތުރު ބާރުތަކުގެ ބޭނުން ހިފައިގެން، މާލެ ސަރަހައްދުގައި
މަސްތުވާތަކެތި ބޭނުންކުރުމަށް ހިންގަމުންދިޔަ ހަ ކެފޭއެއް މި މުއްދަތުގެ ތެރޭގައި
ބަންދުކޮށްފައިވާ ކަމަށް މުސްލިމް ވިދާޅުވި އެވެ. މި ތަންތަނަކީ ފުޅާދާއިރާއެއްގައި
މަސްތުވާތަކެތީގެ ޚިދުމަތް ދެމުންދިޔަ ތަންތަން ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ
ފާހަގަކުރެވިފަ އެވެ.

ފުލުހުން ބަންދުކޮށްފައިވާ ކެފޭތަކުގެ ތަފްސީލު
ހާމަކުރައްވަމުން މުސްލިމް ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ ހ. ގުންޒަރު، މ. ތަރިވިލާގެ،
މ. އަމީރާމަންޒިލްގެ ބައެއް، މއ. ސެވަންއެން ހައުސް، ހ. ކަނޑުފިނިގެ އަދި މ. ލޭންޑް
އޮފް ގާޑަން ކަމަށެވެ. މި ތަންތަނަކީ ގިނަ ދުވަސްތަކެއް ވަންދެން މަސްތުވާތަކެތީގެ
އައްޑާތަކުގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަންތަން ކަމަށްވެސް ފުލުހުން
މައުލޫމާތު ދެ އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ
އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާތީ، އެފަދަ ތަންތަން ބަންދުކުރުމާއި
ކުށުގެ ވެށީގައި އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ހަރުދަނާކަމާއެކު
ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.