ރާއްޖޭގެ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓްގެ ހާލަތު ގޯސްވުމުގެ ސަބަބުން
މޯލްޑިވްސް މަނިޓަރީ އޮތޯރިތީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު
މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ކިބައިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް، އެމްޑީޕީއިން އެކްސްގައި އަންގާރަ ދުވަހު އާންމުކޮށްފައިވާ ސިޓީއެއްގައި ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން
މިއަދާ ހަމައަށް ޑޮލަރުގެ އަގު 27 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށެވެ. އަދި ޑޮލަރު
ގަތުމަށް އާންމުކޮށް ހަރަދުކުރަން ޖެހޭ ވަރަށް ވުރެ 6680 ރުފިޔާ އިތުރަށް ހަރަދުކުރަން
ޖެހިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ހަމައެއާއެކު ދިރިއުޅުމުގެ ހަރަދު ބާރުމިނެއްގައި އިތުރުވެގެންދާ ނަމަ،
އާއިލާތަކުގެ ހަރަދު ކުރުމުގެ ގާބިލުކަން ދަށްވާ ކަމުގެ ކަންބޮޑުވުން މި ސިޓީގައިވަނީ ފާހަގަކޮށްފަ
އެވެ.
ރާއްޖޭގައި ފޮރިން އެކްސްޗޭންޖް ރޭޓެއް ކަނޑައެޅިފައިވީ ނަމަވެސް، ފޮރިން
އެކްސްޗޭންޖް މާކެޓެއް ހާމަކަން ބޮޑުކޮށް އޮޕަރޭޓް ކުރަމުންދާ ކަމަށާއި، މި ކަމަކީ
އެމްއެމްއޭ އަށް ނޭނގޭ ކަމެއްކަން ގަބޫލުނުކުރާ ކަމަށް އެމްޑީޕީއިން ވަނީ
ބުނެފަ އެވެ. އަދި އެމްއެމްއޭއަށް މި ކަމުގެ ފުރިހަމަ މައުލޫމާތު
ލިބިފައިވާކަމަކީ ޔަގީން ކަމެއް ކަމުގައި ވެސް މި ސިޓީގައި ވަނީ ހާމަކޮށްފަ އެވެ.
ދިވެހިރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓުމާއި ފޮރިން އެކްސްޗޭންޖްގެ އޮނިގަނޑާއި ނިޒާމް ރެގިއުލޭޓްކޮށް މޮނިޓަރ ކުރުމަކީ މަރުކަޒީ ބޭންކުގެ މަސްއޫލިއްޔަތެއް ކަމަށް އެމްޑީޕީ އިން ވަނީ ފާހަގަކޮށްފަ އެވެ.
ހަމައެއާއެކު މި ސިޓީގައި،
އެމްއެމްއޭއިން އެކަށީގެންވާ ފިޔަވަޅު އަޅަމުންދާނަމަ ޑޮލަރު މާކެޓް ރޭޓް އުފުލެނީ
ކީއްވެގެންތޯ ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ބޭރު ފައިސާ ވިއްކުމާއި ގަތުން
ބެލެހެއްޓެމުންދާ ނަމަ، ރާއްޖޭގައި ފުޅާކޮށް ޑޮލަރުގެ ކަޅު ބާޒާރެއް ހިނގަމުން ދަނީ
ކީއްވެގެންތޯ، އަދި މިކަން ހައްލުކުރުމަށްޓަކައި ފިޔަވަޅު އަޅާ އެ ފިޔަވަޅު
ފެއިލްވި ނަމަ، އެކަމުގެ ޒިންމާ ނަގާނީ ކާކު ކަމާ މެދު ވެސް ވަނީ ސުވާލު
އުފައްދާފައެވެ.
މި ކުރިމަތިވެގެންދާ ޑޮލަރުގެ ތާއްޓަކީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން
ވަމުންދާ މައްސަލައެއް ނަމަ އެކަން ހާމަކުރުމަށް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ.
އަދި ސަރުކާރުގެ ސިޔާސަތާ މެދު ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި
މަރުކަޒީ ބޭންކުގެ ޕަރފޯމަންސް އާއި މަސައްކަތަށް، އެ މުއައްސަސާގެ ފަރާތުން ގަވަރުނަރު
ޖަވާބުދާރީވުމަށް ވަނީ އެދިފަ އެވެ.
އަދި މި މައްސަލައަކީ ކުއްލިއަކަށް ދިމާވި މައްސަލައެއް ނޫންކަމަށާއި،
ޑޮލަރުގެ ދަތިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަކީ ރައްޔިތުންގެ
މަޖިލީހުގެ މެންބަރުންނަށް ސިއްރުވެފައިވާ ކަމެއް ނޫންކަމަށް ވެސް މި ސިޓީގައި ވަނީ
ބަޔާންކޮށްފަ އެވެ.
މި މައްސަލައާ ގުޅޭގޮތުން ފުރިހަމަ މައުލޫމާތު އެއްކޮށް، ހާމަކަންމަތީ
ކަމާބެހޭ ފަރާތްތަކަށް ސުވާލުކުރުމަށާއި މާލިއްޔަތު ކޮމިޓީއިން މިކަމުގައި
އިސްނަގައި އަވަސް ފިޔަވަޅު އެޅުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައި އެވެ.
ދިވެހިރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 22 ރުފިޔާއަށްވުރެ މައްޗަށް އުފުލިފަ
އެވެ. މި ކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޒަރޫރީ މުދަލުގެ އަގުތައް
ވަނީ ހަ އިންސައްތަ މަތިވެފަ އެވެ.