ފަޅުރަށްރަށާއި ފަޅުތައް
އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތައް ބަޔާންކުރާ
ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމިޓީއަށް
ފޮނުވައިފި އެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު
ސައުދުﷲ ހިލްމީ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

މި ބިލު ދިރާސާކުރުމަށް އިޤްތިސާދީ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވަނީ، ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓަށް ފަހުގައެވެ. މި ބިލު ދިރާސާކުރުމަށް ސަބް
ކޮމިޓީއަކަށް ފޮނުވުމަށާއި، އެ ސަބް ކޮމިޓީއަކީ އިޤްތިސާދީ ކޮމިޓީ ކަމަށް ބަލައި އެ
ކޮމިޓީއަށް ބިލު ފޮނުވުމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.

މެންބަރު ފަލާހު
ހުށަހެޅުއްވި މި ހުށަހެޅުމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވަނީ
ތާއީދު ކުރައްވާފަ އެވެ. މި ހުށަހެޅުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން، އެވަގުތު
ޖަލްސާގައި ތިއްބެވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުން
ވަނީ މި ބިލު އިޤްތިސާދީ ކޮމިޓީއަށް ފޮނުވުމަށް ފާސްވެފަ އެވެ.

އެ ބިލުގައި 8 ބާބު ހިމެނޭއިރު 75 މާއްދާ ހިމަނާފައިވެ އެވެ. ބިލުގައި ބުނީ، ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި ސިނާއީ ބޭނުންތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ އެހެނިހެން ބޭނުންތަކާއި އިޖުތިމާއި ބޭނުންތަކާއި ދައުލަތުގެ ބޭނުމަށް ކަމަށެވެ.