ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ
ކޮމިޓީން ބުދަ ދުވަހު ފާސްކޮށްފި އެވެ.

މި ބިލަކީ ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް
ހަރުދަނާކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް
ޝިފާޒް ހުށަހަޅުއްވާފައިވާ ބިލެކެވެ.

މި ބިލު ދިރާސާކޮށްފައިވަނީ އެންވަޔަރމަންޓް އެންޑް
ކްލައިމެޓް ޗޭންޖް ކޮމިޓީގެ ސަބް ކޮމިޓީންނެވެ. ސަބް ކޮމިޓީން ބިލު ދިރާސާކޮށް ނިންމި
ގޮތުގެ ރިޕޯޓު ބުދަ ދުވަހުގެ ޖަލްސާގައި ތަޅުމަށް ހުށަހަޅުއްވައިދެއްވީ މާފަންނު ދެކުނު
ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. ރިޕޯޓު ހުށަހަޅުއްވަމުން ރިފާއު ވަނީ، ކޮމިޓީން
ބިލަށް ގެނައި ބަދަލުތަކާއެކު މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސްކުރުމަށް ހުށަހަޅުއްވާފަ
އެވެ.

މި ބިލު މަޖިލީހުގެ މުޅި ކޮމިޓީން ފާސްކުރުމަށް
ވޯޓަށް އެހުމުން، އެ ވަގުތު ޖަލްސާގައި ތިއްބެވި މެންބަރުންގެ ތެރެއިން 65 މެންބަރަކު
ވަނީ ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފަ އެވެ. މި ބިލު ދިރާސާކުރިއިރު،
މައިގަނޑު ތިން އިސްލާހެއް ބިލަށް ގެނެސްފައިވާކަން ފާހަގަކުރެވެ އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ކުނި މެނޭޖުކުރުމުގެ
ގާނޫނަށް ގެނެވޭ މި އިސްލާހުތަކުގެ ބޭނުމަކީ ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން
މިހާރަށްވުރެ ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.