މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި އަނިޔާވެރި
ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ
ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް އެ މައްސަލައާ ގުޅިގެން އުފުލި ގަސްދު
މަރުގެ ދައުވާއާއި، ބާކީ ހުރި ދައުވާތަކުގައި ޙުކުމާ ހިސާބަށް ގޮސްފި އެވެ.
މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި
ދައުލަތުން ޚުލާސާ ބަޔާން އިއްވާފައިވާއިރު، ބުދަ ދުވަހުގެ ޖަލްސާގައި ޝާހިލްގެ ފަރާތުން
ވަނީ ޚުލާސާ ބަޔާން އިއްވާފަ އެވެ.
އެހެންކަމުން ގާޒީ މައްސަލަ ދިރާސާ ކުރެއްވުމުގެ
ތެރޭގައި އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރުމެވެ. އެގޮތުން
ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، އޮރިޔާން ކާޑު ގެންގުޅުން އަދި
އާއިލާއަށް އިޙްތިރާމު ކުރުމަށްޓަކައި ސިއްރުކޮށްފައިވާ ދައުވާގައި ޙުކުމް ކުރުން ދެން
އޮންނަ އަޑުއެހުމެއްގައި އޮންނާނެ އެވެ.
މި މައްސަލައިގައި ޖުމުލަ 5 ދައުވާއެއް އޭނާގެ
މައްޗަށް އުފުލިއިރު، އޭގެ ތެރެއިން މިހާތަނަށް އޭނާގެ މައްޗަށް ސާބިތުވެފައިވަނީ
އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެ
ދައުވާތައް ސާބިތުވެ އޭނާގެ މައްޗަށް 3 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު
ޙުކުމެއް މީގެ ކުރިން ވަނީ އިއްވާފަ އެވެ.
ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ
ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، އޭނާ މަރުވެފައި ވަނީ ހަށިގަނޑަށް
ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި މަރުވި ފަހުން ވެސް
ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން އޭރު ވަނީ
ބުނެފަ އެވެ.