ހޯމް މިނިސްޓަރު އަލީ އިހުސާނު ފުލުހުންގެ ބަހާ ހިލާފުވެވަޑައިގެން،
މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީ އިން ބުދަ ދުވަހު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އޮގަސްޓު
މަހު 13 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މުޒާހަރާ މަޖީދީ މަގުގައި ކުރިއަށް
ގެންދިޔުމަށް ފުލުހުންގެ ގްރައުންޑް ކޮމާންޑަރުންގެ ކިބައިން އެދުމުން އެކަމަށް
ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރު މަޖިލީހުގައި ވަނީ
އެމްޑީޕީ އަށް މި ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި ފުލުހުންނާއި، އެމްޑީޕީގެ އިންތިޒާމީ ކޮމިޓީގެ މެންބަރުން ބޭއްވި
ބައްދަލުވުމުގައި މާލޭގެ މައި މަގުތައް މިވަގުތު މަރާމާތު ކުރަމުންދާތީ، މުޒާހަރާ ކުރެވޭނެ އިތުރު މަގެއް ނެތް ކަމަށާއި، މި މުޒާހަރާ ކުރިއަށް ގެންދެވޭނީ
ހަމައެކަނި މަޖީދީ މަގުގައި ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެމްޑީޕީ އިން ހާމަކޮށްފައިވެ އެވެ.
އެމްޑީޕީ އިން ބުނެފައިވާ ގޮތުގައި 'ދަތިވެއްޖެ' މުޒާހަރާ މަޖީދީ މަގުގައި ކުރިޔަށް
ގެންދިއުމަށް ފަހު ވަގުތު ފުރުސަތު ނުދީފާނެ ކަމުގެ ކަންބޮޑުވުން ފުލުހުންނާ
ހިއްސާކުރުމުން، މި ފަހަރު އެހެން ނުވާނެ ކަމަށް ފުލުހުންގެ ގްރައުންޑް
ކޮމާންޑަރުން ބުނެފައިވެ އެވެ.
ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރުމަކީ ޑިމޮކްރަސީގެ އަސާސެއް ކަމަށާއި، މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި ނަމަވެސް ފުލުހުންގެ ބަހާ
އެއްގޮތައް މި މުޒާހަރާ މަޖީދީ މަގުގައި ބާއްވާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފަ
އެވެ. އަދި އިހުތިޖާޖު ކުރުމުގެ ފުރުސަތު ނުދެެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވުމުން
ހާމަވަނީ، މި ސަރުކާރަކީ ޑިމޮކްރަޓިކް އުސޫލުތަކަށް އިހުތިރާމް ނުކުރާ ސަރުކާރެއް
ކަމަށް އެމްޑީޕީ އިން ބުނެ އެވެ.
އެމްޑީޕީ އިން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ ޝުއޫރު އިއްވުމަކީ އިދިކޮޅު
ޕާޓީއެއްގެ ހައިސިއްޔަތުން އެ ޕާޓީގެ ޒިންމާއެއް ކަމަށާއި، މުޒާހަރާ ކުރުމަށް
މަޖީދީމަގު ހިޔާރުކުރީ ވީހާވެސް ގިނަ ބަޔަކަށް މުޒާހަރާގައި ބައިވެރިވުމުގެ
ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ. އަދި ވީހާވެސް ގިނަ ރައްޔިތުން މި
މުޒާހަރާގައި ބައިވެރިވުމަށް އެމްޑީޕީ އިން ވަނީ ރައްޔިތުންގެ ފަރާތުން އެދިފަ
އެވެ.
އެމްޑީޕީ އިން 'ދަތިވެއްޖެ' ނަމުގައި މުޒާހަރާ ބޭއްވުމަށް ނިންމާފައި ވަނީ
ދިވެހިރާއްޖޭގައި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެ، ޑޮލަރުގެ އަގު ބޮޑުވެ
ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އެވެ. އަދި ސަރުކާރަށް
ރައްޔިތުންގެ ކަންބޮޑުވުންތަކާ ޝަކުވާތައް ހާމަކުރުމުގެ މަގުސަދުގަ އެވެ.