2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާނެ ކަމަށް ސަރުކާރުން ބުނި މ. މުލަކު އެފްއެސްއެމް ފިއުލް ޝެޑްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ހާމަވެއްޖެ އެވެ.

މ. މުލަކުގައި ގާއިމުކުރަން ހަމަޖެހިފައިވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ޝެޑްގެ މަޝްރޫއުއާ ގުޅޭގޮތުން މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެފްއެސްއެމްއިން ކޮންމެ އޮތަޅެއްގައި ޝެޑް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން މުލަކުގައި ޝެޑް ގާއިމުކުރުމަށްޓަކައި، ބިން ދޫކޮށްދީފައިވާނެ ކަމަށެވެ. 

އެގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެފްއެސްއެމްއަށް ބިން ހާވާލުކޮށްފައިވެ އެވެ. ނަމަވެސް މި މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް މިއަދާ ހަމަޔަށް ނުހިނގާކަން ޖަމާލު ވިދާޅުވި އެވެ. 

އަޅުގަނޑުމެން އަޕްޑޭޓް ބަލާލިން ބަލާލިއިރުގައި އެފްއެސްއެމްއިން ބުނަނީ އޭގެ ސިވިލް ވޯކްގެ މަސައްކަތްތައް ބަޔަކާ ހަވާލުކޮށްފައި އޮތް ކަމަށް އެހެންނަމަވެސް އޭގެ ފަހުން ވެސް ތިން ހަތަރު މަސް ވެގެން ހިނގައްޖެ، އެމީހުންގެ އެއްވެސް ހަބަރެއް ނުވޭ
އަހުމަދު ޖަމާލު 

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނޭ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫއަކީ 2024 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި މަޝްރޫއުއެކެވެ. އަދި ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ގާއިމުކުރުމުގެ މަޝްރޫއު 2026 ވަނަ އަހަރުގެ ފެބްރުއަރީގެ ކުރިން ނިންމަން އަމާޒުކުރާ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދް އިބްރާހީމް އޭރު ވިދާޅުވި އެވެ. އެގޮތުން މ. މުލައް ފިއުލް ޝެޑްގެ މަސައްކަތް 2025 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާނެކަމަށް ވަނީ ބުނެފަ އެވެ.