ރާއްޖެ އަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

ރާއްޖެޓީވީގެ 60 މިނެޓަށް، މޫސުމާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މީޓިއޮރޮލޮޖިސްޓް ނަސޫހު އިސްމާއީލް ވިދާޅުވީ ރާއްޖޭގެ އަށް މިހާރު ވެސް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށެވެ. 

ނަސޫހު ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށާއި، ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި އެންމެ ދެކުނުގެ އެކި ސަރަހައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި، އެގޮތުން ހުވަދޫ އަތޮޅާއި ލާމު އަތޮޅަށް ވިއްސާރަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަސޫހު ވިދާޅުވީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 12 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނަށް 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ މެންދުރުކުރިން މުޅި ދުވަސް އޮންނާނީ ބަނަކޮށް ކަމަށް ވެސް ނަސޫހު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 3 ނުވަތަ 6 ފޫޓު ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 

އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެ އެވެ. ޚާއްސަކޮށް ކަނޑުދަތުރުކުރާ މީހުން މޫސުމަށް ބެލުމަށްފަހު ނޫނީ ކަނޑު މައްޗަށް ނޭރުމަށް އެދިފައިވެ އެވެ.