ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ އޮންނާނެ ކަމަށް އިއުލާނުކޮށްފައިވީނަމަވެސް ބުރާސްފަތި ދުވަހަށް އިރު އިރުވެސް ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ލިބިފައިނުވާކަން އެނގިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މި ނޫހަށް ވިދާޅުވީ މަޖިލީހުގެ އިދާރާގެ ޓޭބަލް އޮފީހުން ރޭ ދަންވަރު 1:30 ގައި މެސެޖެއް ލިބުނު ކަމަށާއި އެ މެސެޖުގައި ޖަލްސާ އޮންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މެމްބަރު ވިދާޅުވީ، 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާ 13 އޮގަސްޓް ވާ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށާއި، ޖަލްސާގެ އެޖެންޑާ އާއި ޖަލްސާ ފެށޭނެ ގަޑި ފަހުން އަންގާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މުހިއްމު މަސައްކަތްތަކެއް ހުރިކަމަށް ބުނެ ރިޔާސަތުން ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދިގުދަންމާލަން ހުށަހަޅާފަ އެވެ. ދައުރު ދަންމާލަން ފާސް ކުރީ އެހި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ދަންމާލީ ވެސް މުހިއްމު މަސައްކަތްތައް ހުރިކަމަށް ބުނެ އެވެ. ނަމަވެސް އެފަހަރު ވެސް ކުރިއަށް ގެންދިޔައީ ހަމައެކަނި ސަރުކާރުގެ މަސްލަހަތު ހިމެނޭ މަސައްކަތްތަކެވެ. އެގޮތުން ދައުރު ދަންމާލައިގެން ކުރިއަށް ގެންދިޔައީ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މަސައްކަތެވެ.

މި ފަހަރު ދައުރު ދަންމާލަން ހުށަހަޅާފައިވަނީ ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް އަވަސް އަވަހަށް ނިންމާލުމުގެ ބޭނުމުގައިކަމަށް ގަބޫލު ކުރެވެ އެވެ.

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ކައުންސިލުތަކުގެ ބަހެއް ނެތި، ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުމަށް އައި ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ސަރުކާރުގެ މެންބަރުން ގެންދަނީ އެ ބިލުގައި ހުރި ކަންކަން ދިފާއުކޮށް ސަރުކާރަށް އެތަންތަން ނެގޭނެ ކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ.