މ. މުލަކުގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ
ޕޮލިސް ސްޓޭޝަންގެ މަސައްކަތް އެދެވޭ ބާރުމިނެއްގައި ކުރިއަށް ނުދާތީ އެ ރަށު ކައުންސިލުން
ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި މަޝްރޫއަކީ ރަށުގެ އަމާންކަމާއި ރައްކާތެރިކަމަށްޓަކައި
ނުހަނު މުހިންމު މަޝްރޫއެއް ނަމަވެސް، އަމަލީ މަސައްކަތް އެދެވޭ ސްޕީޑެއްގައި ކުރިއަށް
ނުދާކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

މުލަކު ކައުންސިލުން ރާއްޖެޓީވީއަށް މައުލޫމާތު ދެމުން ބުނީ، މި ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު
މަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ
ތެރެއިން ކަމަށެވެ.

ނަމަވެސް ބިންގާ އެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސް
ވެގެން ދިޔައިރު ވެސް، މި މަސައްކަތް ކުރިއަށް ގޮސްފައި ވަނީ ވަރަށް ލަސް ދުވެއްޔެއްގައި
ކަމަށް ކައުންސިލުން ބުނެ އެވެ.

މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި
ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. ކައުންސިލުން ފާހަގަކުރި ގޮތުގައި
މުލަކުގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އާރްޑީސީއާ ހަވާލުކޮށްފައިވީ ނަމަވެސް، އޭގެ
ތެރެއިން ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ހުއްޓިފަ އެވެ.

މީގެ ސަބަބުން ރަށުގެ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް
ކުރިމަތިވަމުންދާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ޕޮލިސް ސްޓޭޝަންގެ އިތުރުން އާރްޑީސީއާ ހަވާލުކޮށްފައިވާ
އެހެން މަޝްރޫއުތައް ވެސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެއް އޮތް ކަމެކެވެ.
މިކަމާ ގުޅިގެން ކައުންސިލުން ބުނީ، މަޝްރޫއުތައް ހުއްޓިފައި ހުރުމުގެ ސަބަބުން ރަށުގެ
ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ލަސްވަމުންދާ ކަމަށާއި، މިކަމަށް އަވަސް ހައްލެއް
ބޭނުންވާ ކަމަށެވެ.

މުލަކުގައި އަޅާ ޕޮލިސް ސްޓޭޝަނަކީ އެ ރަށުގެ އިތުރުން
އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ސަރުކާރުން ފަށާފައިވާ މުހިންމު
މަސައްކަތެކެވެ. ނަމަވެސް މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން އެކަށީގެންވާ ބާރުމިނެއްގައި
މަސައްކަތް ކުރިއަށް ނުގެންދާތީ، އެ މަޝްރޫއު ނިމޭނެ ދުވަހެއް އަދިވެސް ވަނީ ނޭނގުމެއްގެ
ތެރޭގަ އެވެ.