ހުޅުމާލޭ ފޭސް 1 ގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ
މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންނުކޮށް ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމާ
ގުޅޭ މައުލޫމާތު ސާފުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރަށް ސިޓީއެއް ފޮނުއްވައިފި އެވެ.

މެންބަރު ކުޑޫ ފާހަގަކުރައްވާފައިވާ ގޮތުގައި ހުޅުމާލޭގެ
8 ސަރަހައްދެއްގައި ހަދާފައިވާ 10 މެކޭނިކަލް ޕާކިންގ ސިސްޓަމް އެބަހުއްޓެވެ. އެ ތަންތަން
އާންމުންނަށް ބޭނުން ކުރެވޭހެން ހުޅުވާނުލައި ހުންނަތާ މިހާރު 7 އަހަރަށްވުރެ ގިނަ
ދުވަސް ވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޖުމުލަ 300 އުޅަނދު ޕާކު ކުރެވޭނެ ޖާގަ ހިމެނޭ
މި ސިސްޓަމްތަކަކީ މިހާތަނަށް އާންމު ރައްޔިތަކަށް ވެސް އަދި ދައުލަތަށް ވެސް އެއްވެސް
ފައިދާއެއް ނުލިބި ބޮޑު އިސްރާފުގެ ގޮތުގައި ފާހަގަކުރެވޭ ތަންތަން ކަމަށް މެންބަރު
ކުޑޫ ވިދާޅުވި އެވެ.

2019 ވަނަ އަހަރުން ފެށިގެން މި 300 ޕާކިންގ ޖާގަ ދުވާލަކު އެންމެ 100 ރުފިޔާގެ
މަގުން ކުއްޔަށް ދޫކުރިނަމަވެސް މިއަދާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި
83 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް މެންބަރު ފާހަގަކުރެއްވި އެވެ. މި ސިސްޓަމްތަކުގެ
ބޮޑުބައި އަދިވެސް ބަލާބެލުމަށް ފެންނަނީ ރަނގަޅަށް ކަމަށާއި، މީގެ ތެރެއިން އެއް ސިސްޓަމް
ރޫޅާލުމަށްފަހު އޭގެ ބައިތައް މިހާރު ވަނީ އޯޝަން ފްރަންޓު ކުރިމަތީ ހުސް ބިމުގައި
ބަހައްޓާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ހުޅުމާލެއަކީ އެޗްޑީސީގެ ބެލުމުގެ
ދަށުގައި ހުރި ތަނަކަށްވާއިރު މިކަމާ ގުޅޭ ބައެއް މައުލޫމާތު ސާފުކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށް
މެންބަރު ކުޑޫ ވިދާޅުވި އެވެ.

އޭނާ ސާފުކޮށްދިނުމަށް އެދިވަޑައިގެންފައިވާ މައުލޫމާތުތަކުގެ
ތެރޭގައި އަމަލީ ގޮތުން މި ސިސްޓަމްތައް ބޭނުން ކުރެވޭ ގޮތް ހެދުމަށް މިހާތަނަށް ކުރެވިފައިވާ
މަސައްކަތްތަކާއި، ސިސްޓަމްތައް އާންމު ބޭނުންތަކަށް ހުޅުވާނުލާ ދިގު މުއްދަތެއް ހޭދަވުމުން
ގެއްލުނު އޮޕޮޗުނިޓީ ކޯސްޓަށް ޒިންމާވާނީ ދައުލަތުގެ ކޮން މުއައްސަސާއަކުން ކަމާއި މި ސިސްޓަމްތައް އަލުން ބޭނުންކުރަން ފަށަން ގަސްދުކުރޭތޯ ސާފުކޮށްދިނުމަށް އެދިވަޑައިގެންފައިވެ
އެވެ.

އަދި ކުރާނަމަ އެކަން ކުރާނެ ގޮތްތަކާއި ތާރީޚުތައް
ސާފުކޮށްދެއްވުމަށް ވެސް މެންބަރު ކުޑޫ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރަށް ފޮނުއްވި ސިޓީގައި
އެދިވަޑައިގެންފައިވެ އެވެ.