ހޯމްލޭންޑު
ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް އެ މަގާމުން އިސްތިއުފާ
ދެއްވައިފި އެވެ.

އެކްސްގައި
ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިރޫޝް ވިދާޅުވީ، އެ ނިންމެވުން ނިންމެވީ ނުހަނު ފުންކޮށް
ވިސްނެވުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ،
އާންމު ޚިދުމަތުގައި ހޭދަކުރެއްވި ފުރުސަތު ނިންމާލުމަށް މިއީ އެންމެ މުނާސަބު ވަގުތު
ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އާންމު ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތަށްޓަކައި
ޝުކުރުވެރިވާ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

އިސްތިއުފާ
ދެއްވަމުން ހިއްސާކުރެއްވި މެސެޖުގައި ފައިރޫޝް ވަކިން ޚާއްސަކޮށް ޝުކުރު އަދާކުރެއްވީ
އޭނާއާއެކު މަސައްކަތްކުރި އެންމެހާ މުވައްޒަފުންނަށާއި މަސައްކަތް ކުރެއްވުމުގެ ފުރުސަތު
ލިބުނު މުއައްސަސާތަކަށެވެ. އެ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާ
ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަބްދުﷲ
ފައިރޫޝް އަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ
ބޭފުޅެކެވެ. އޭނާ ވަނީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުވެސް ފުރުއްވާފަ
އެވެ. ފުލުހުންގެ ޚިދުމަތުން ފައިރޫޝް ރިޓަޔަރ ކުރެއްވީ 2021 ވަނަ އަހަރު އެވެ.

ފައިރޫޝް
ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަގާމެއް ފުރުއްވާފައެވެ. އެ މިނިސްޓްރީގައި
މަސައްކަތް ކުރެއްވުމަށްފަހު އޭނާ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ
މަގާމަށް ހަމަޖެއްސެވި އެވެ.

އޭނާ އިސްތިއުފާ
ދެއްވި ސަބަބުތަކާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ.