މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް،
ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް ލަތީފް
އަހުމަދު (އުދަރެސް ލަތީފް) އެ މަގާމުން ވަކިކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
މި ފިޔަވަޅު އަޅުއްވާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސަރުކާރުން މިހާތަނަށް
ހާމަކޮށްފައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުލް ލަތީފް
މަގާމުން ވަކިކުރިކަން އޭނާއަށް އަންގާފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
މިއީ އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށް ނިންމެވި ނިންމެވުމެއް ކަމަށް ބެލެވެ
އެވެ.

އަބްދުލް ލަތީފަކީ ރައީސް މުއިއްޒުގެ ސިޔާސަތުތައް
ޕްރޮމޯޓުކުރުމުގައި އަމަލީ ގޮތުން ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން
އައި ބޭފުޅެކެވެ.

އަބްދުލް ލަތީފް ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުވެސް ފުރުއްވާފަ އެވެ. ނަމަވެސް ފަހުން ސަރުކާރުގެ ވުޒާރާތަކަށް
ގެނައި ބަދަލުތަކާއެކު، ޒުވާނުންނާއި ކުޅިވަރާ ބެހޭ ކަންކަން އެ ވުޒާރާއަކަށް ބަދަލުކުރުމުން
އޭނާ ބަދަލުކުރެވުނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. މަގާމުން
ވަކިކުރިއިރު އޭނާ ހުންނެވީ އެ މަގާމުގަ އެވެ.

އަބްދުލް ލަތީފަކީ މީގެ ކުރިންވެސް އެކި
މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ
ވެރިކަމުގައި އޭނާ ވަނީ ކްލެމެންސީ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން
ވަކިކުރާއިރު އާންމުކޮށް ސަބަބު ހާމަނުކުރި ނަމަވެސް، ރައީސް މުއިއްޒަށް ވަރަށް ބޮޑަށް
ތާއީދުކުރައްވާ ބޭފުޅަކު މިގޮތަށް ކުއްލި ގޮތަކަށް މަގާމުން ވަކިކުރުމުން އެ ދާއިރާގެ
ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފަ އެވެ. މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން
ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްލުމަށް ރާއްޖެއެމްވީން ގުޅާލުމުން ލަތީފް ވިދާޅުވީ، މިވަގުތު އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަވަން ބޭނުން ނުވާ ކަމަށެވެ. 

މި ދަނޑިވަޅަކީ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ފައިރޫޝް ވެސް ކުއްލިގޮތަކަށް މަޤާމުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެކެވެ.