ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކަރު ހުށަހަޅުއްވާފައިވާ އިސްލާހުތަކާ ދެކޮޅަށް، ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ބ. ގޮއިދޫ ކައުންސިލުން ގަރާރެއް ނެރެފި އެވެ.

ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ގޮއިދޫ ކައުންސިލްގައި އޮންނަނީ ޕީއެންސީގެ މެޖޯރިޓީ އެވެ. އެގޮތުން ކައުންސިލްގެ ރައީސް އިބްރާހީމް ޝާނީޒް އާއި ނައިބު ރައީސް ރިޟްވާން އަބޫބަކުރު އަކީ ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ ދެ މެންބަރުންނެވެ. ކައުންސިލް މެންބަރު މުޙައްމަދު ނާފިޒް އަކީ އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ. މި ގަރާރުގައި ކައުންސިލްގެ ތިން މެންބަރުން ވެސް ވަނީ ސޮއިކުރައްވާފަ އެވެ.

އެ ގަރާރުގައި ބުނެފައި ވަނީ މެންބަރު ހަންނާން ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ޤާނޫނު އަަސާސީގެ ހަތަރު ވަނަ މާއްދާގައިވާ ރައްޔިތުންގެ ބާރާއި، އަށް ވަނަ ބާބުގައި ލާމަރުކަޒީ އުސޫލުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގުސަދާއި ބޭނުމާއި، ރާއްޖެ ހޯދާފައިވާ ޑިމޮކްރެޓިކް ހުރިހާ ކުރިއެރުންތަކާ ކަނޑައެޅިގެން ޚިލާފު އިސްލާހުތަކެއް ކަމަށް އެ ކައުންސިލް އިން ދެކޭ ކަަމަށެވެ.

2007 ވަނަ އަހަރު ތަސްދީގު ކުރެވުނު ފެހި ޤާނޫނު އަސާސީގެ ދަށުން، ރާއްޖޭގެ ރަށްރަށަށް ލިބުން އެންމެ ބޮޑު ކުރިއެރުމަކީ، ރަށުގެ ކަންކަން ނިންމުމުގައި ބައިވެރިވެ އުޅުމާއި، ރައްޔިތުންގެ ވޯޓުން ރަށް ހިންގާ މީހުން ކަނޑައެޅުމުގެ ބާރު ލިބުމާއި، ރައްޔިތުންނަށް ޖަވާބުދާރީ ވަނިވި އުސޫލުން ރަށުގެ ތަރައްޤީގެ ކަންކަން ހިނގާކަށް ކަށަވަރު ކުރެވުން ކަމަށް އެ ޤަރާރުގައި ވަނީ ބުނެފައި އެވެ.

ގޮއިދޫ ކައުންސިލް އިން ބުނެފައި ވަނީ ލާމަރުކަޒީ ނިޒާމު ތައާރަފުވީ ފަހުން ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ، ރަށްރަށުގެ އިހްތިސާސް ކަނޑައެޅި، ރަށްރަށަށް މިލްކު ކޮށްދިނުން ކަމަށެވެ. އަދި އެ އިހްތިސާސް ބޭނުން ކުރާނެ ގޮތް ވަނީ ރައްޔިތުންގެ ބައިވެރިވުމާާއި ތާއީދާ އެކު ކަނޑައެޅި، ފާސް ކުރެވިފައި ކަމަށް ވެސް ގޮއިދޫ ކައުންސިލް އިން ބުނެފައިވެ އެވެ.

އެހެން ނަމަވެސް، އަލަށް ހުށަހެޅިފައިވާ އިސްލާހު ފާސްވެ، ޤާނޫނަކަށް ވެއްޖެ ނަމަ، ރަށްރަށުގެ އިހްތިސާސް ތެރެއިން ބޭނުން ތަނެއް، ބޭނުން އިރަކު ބޭނުން ގޮތަކަށް މާލޭގައި ތިއްބަވާ މަރުކަޒީ ވެރިންނަށް އަތުލުމުގެ ޖާގަ ފަހިވާ ކަމަށް އެ ކައުންސިލް އިން ބުނެފައިވެ އެވެ. އެއާ އެކު، ރަށު ރައްޔިތުންގެ އަތުން އިހްތިސާސްގެ މިލްކުވެރިކަން ބީވެގެން ދިޔައީ ކަމަށް ވެސް ގޮއިދޫ ކައުންސިލް އިން ބުނެ އެވެ. 

ގޮއިދޫ ކައުންސިލް އިން ބުނެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގައިވާ ގޮތަށް ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކޮށްދެއްވުމަށާއި ޤާނޫނު އަސާސީއާ ކަނޑައެޅިގެން ފުށު އަރާ ގޮތަށް އޮތް އިސްލާހު އަނބުރާާ ގެންދިޔުމަށް ގޮވާލާ ކަމަށެވެ. އަދި އެ އިސްލާހު ހުށަހެޅި މެންބަރަކީ އެ ދާއިރާގެ މެންބަރު ކަމަށްވާއިރު، ކަންބޮޑުވުން ހިމެނޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ގެންދިޔުމަށް މެންބަރު ހަންނާނަށް ވެސް ވަނީ ގޮވާލައިފަ އެވެ. 

ގޮއިދޫ ކައުންސިލް އިން މިފަދަ ގަރާރެއް ނެރެފައިވާއިރު، ރާއްޖޭގެ އެތައް ކައުންސިލްތަކަކުން އަންނަނީ މި އިސްލާހާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.