ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް ވުުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ ގައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، އަޅުގަނޑުމެންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށް ކަމަށާއި ކަނޑުގެބާޒުގެ ނަމުން އޭރު މަޝްހޫރުވި ފުރެތިކާލުންގެ އިސްތިޢުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަޠަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބަށް ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުމެ ފެންނާން އޮތް ހަގީގަތަކީ، ދިވެހި ގައުމަށް ހެޔޮ ނޭދޭ އަމިއްލައެދުން ބޮޑު ބަޔެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށް ވީކަން. މިއަދު އަޅުގަނޑުމެން ގަދައަޅަައި އަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށް ކަމުގަ އެވެ.

"މި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟" ރައީސް މުއިއްޒުގެ ޕޯސްޓުގައިވެ އެވެ.

ރައީސް މުއިއްޒު ވަނީ "އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ ޝިޢާރު ނަގަހައްޓައި، މި ގައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫޙު ހިފެހެއްޓުމަށް،" ގޮވާލައްވާފަ އެވެ.

ގައުމަށް ނިކަމެތިކަމެއް އަތުވެދާނެ ކަމަކަށް ފުރުސަތު ނުދިނުމަށާއި، އެންމެ ފުރަތަަމ ގައުމު އިސްކުރުމަށް ރައީސް މުއިއްޒު ގޮވާލެއްވި އިރު، އެމަނިކުފާނު ވަނީ ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ދިވެހި ދައުލަތާ ދެކޮޅަށް ބޭރުގެ ކުންފުންޏަކަށް ފަހިވާ ގޮތަށް ބޭރުގެ ކޯޓެއްގައި ހެކިބަސް ދެއްވާފަ އެވެ. އޭގެ ސަބަބުން ދިވެހި ދައުލަތުން ވަރަށް ގިނަ އަދަދެއްގެ ފައިސާ އެ ކުންފުންޏަށް ދައްކަން ޖެހުނެވެ.

އެ ގޮތުން ކުރިން ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. މުޙައްމަދު މުއިއްޒު، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އިން ދިވެހި ދައުލަތާ ދެކޮޅަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި އެ ކުންފުންޏަށް ތާއީދުކޮށް 2019 ވަނަ އަހަރު ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހެކިބަސް ދެއްވި އެވެ. މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ގެންގުޅުއްވި ސިޔާސަތުތަކާ ފުށުއަރާ ގޮތަށް ދޮގު ހެކިބަސް ދެއްވި ކަމަށް ތުހުމަތުކޮށް، ފަހުން އެމަނިކުފާނުގެ މައްޗަށް ދޮގު ހެކިބަސް ދިނުމުގެ ދައުވާ އުފުލުނެވެ.

މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގައި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ކުންފުންޏާއެކު ހަދާފައި އޮތް މަޝްރޫއުތަކުގެ އެއްބަސްވުންތައް ބާތިލުކުރުމާ ގުޅިގެން، ބަދަލުގެ ގޮތުގައި 155 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ނޫމަޑި ކުންފުނިން ދިވެހި ސަރުކާރާ ދެކޮޅަށް މައްސަލަ ހުށަހެޅި އެވެ.

މިނިސްޓަރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު، 2019 ވަނަ އަހަރުގެ ޖޫން މަހު ޑރ. މުއިއްޒު ވަނީ ނޫމަޑީގެ ފަރާތުން ހެކިބަސް ދެއްވާފަ އެވެ. އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވަނީ ނޫމަޑިން މަސައްކަތްތައް ކުރިއަށް ގެންދިޔައީ ތާވަލާ އެއްގޮތަށް ކަމަށާއި، އެއްބަސްވުންތައް ބާތިލުކުރީ ގޯސްކޮށް ކަމަށެވެ.

ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި، ޑރ. މުއިއްޒުގެ ހެކިބަހުގެ ސަބަބުން ދައުލަތުގެ ދިފާއު ބަލިކަށިވި އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ނޫމަޑި ކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ސަރުކާރަށް މަޖުބޫރުވި އެވެ.