ތަކެތީގެ އަގު ބޮޑު ވަނީ މި ސަރުކާރުން ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން ކަމަށާއި، ހަގީގަތުގައި ފްރައިޓްގެ އަގު އެހާ ބޮޑަށް ބޮޑު ނުވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކަންކަން މެނޭޖު ނުކުރެވިގެން މިއުޅެނީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ނޫން ކަމަށެވެ. އަދި ތަކެތީގެ އަގު ބޮޑު ވަނީ ފްރައިޓްގެ އަގު ބޮޑުވެގެން ނޫން ކަމަށް އަމްރު ވިދާޅުވި އެވެެ. 

ރަޝިޔާއާއި ޔުކުރެއިނާ ދެމެދު ކުރެވުނު ހަނގުރާމައިގައި ފްރައިޓްގެ އަގު ބޮޑުވިކަން ފާހަގަކުރައްވާ، އަމްރު ވިދާޅުވީ ރާއްޖެ އެތެރެ ކުރާ ކޮންޓޭނަރު ތެރޭގައި ބައިވަރު ތަކެތި ހުންނަ ކަމަށާއި، ފްރައިޓްގެ އަގުން ބޮޑުވި ވަރު އެ ތަކެއްޗާއި ބައިކުރުމުން މާ ބޮޑު އަދަދަކުން އަގު އިތުރު ނުވާ ކަމަށެވެ.

މީގެ ގާތްގަނޑަކަށް ހައެކަށް މަސް ކުރިން ކުކުޅު ކިލޯއެއް 40 ރުފިޔާއަށް ލިބުނު، މިއަދު ގާތް ގަނޑަކަށް 70 ރުފިޔާއަށް އެހުރީ ކުކުޅު ކިލޯއެއް އެނގޭތޯ. އެހެންވީމަ ރާސްލާފައި އެއްޗެހިތަކުން އަގު ބޮޑުވެ އެބަ، ނެސްކެފޭ ކޮފީ ފުޅިއަކުން 50 ރުފިޔާ ބޮޑުވީ އެއީ ފްރައިޓްއަކުން ނޫން، އެންމެންނަށް ވެސް އެނގޭ އެކަން. އެހެންވީމަ މި ބޭފުޅުން އަމިއްލައަށް ކުރައްވައިގެން އުޅޭ ކަމެއް ހަގީގަތުގައި މިއީ، އެއީ ސިޔާސަތުތަކަށް ގެންނަ ބަދަލުކުން ހަގީގަތުގައި އޭގެ އާހިރު ނަތީޖާއަކީ ހަމަ ރައްޔިތުންނަށް އޭގެ އަސަރު މި ކުރަނީ 
ހުސެއިން އަމްރު

މީގެއިތުރުން ޔޫކްރެއިން ހަނގުރާމައާއި ކޮވިޑްއާ ގުޅިގެން ރާއްޖެ ތެޔޮ އެތެރޭ ކުރާ ސަޕްލަޔަރުންނާއި ވާހަކަ ދައްކައިގެން ތެލަށް ފައިސާ ދެއްކުން 9 މަސް ދުވަހުގެ ދިގު މުއްދަތަކަށް ދަންމާލާފައިވާނެ ކަމަށާއި މިހާރު ސަރުކާރުން ފައިސާ ދައްކަމުން ދާނީ މީގެ 9 މަސް ކުރިން ގަތް ތެލަށް ކަމަށް ވެސް އަމްރު ވިދާޅުވި އެވެ. އަދި ހަނގުރާމައިގެ ސަބަބުން ބޮޑުވި ތެލުގެ އަގު 80 ޑޮލަރަށް މިހާރު ތިރިވެފައިވާ ކަން އަމްރު ފާހަގަކުރެއްވި އެވެ.