މި ސަރުކާރުން އައްޑޫގެ އިހުތިސާސުން ސަވާހިލި ވަކިކޮށްފައިވާތީ، އެ ރަށް އަލުން އަނބުރާ ހޯދައި، އައްޑޫގެ ރައްޔިތުންނާ ހަވާލު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީ އިން އައްޑޫގެ ބިމުގެ ނަފާ، އެ ސިޓީގެ ރައްޔިތުންނަށް ލިބޭ ގޮތަށް އައްޑޫ ކައުންސިލާ ހަވާލު ކުރާނެ ކަމަށެވެ.
އަޅުގަނޑުމެން ސަވާހިލި އަތުލާނަން. އަޅުގަނޑުމެން ސަވާހިލި އަނބުރާ އައްޑުގެ ރައްޔިތުންނާ ހަވާލު ކުރާނަން. އަޅުގަނޑުމެން ސަވާހިލީގެ އަދި އައްޑޫގެ ބިމުގެ ނަފާ، އައްޑުގެ ރައްޔިތުންނަށް ލިބޭ ގޮތަށް އައްޑޫ ކައުންސިލާ ހަވާލު ކުރާނަން. ގާނޫނެއް ފާސް ކޮށްގެން ވިޔަސް، އެ ނޫން ގޮތަކުން ވިޔަސް، ރާއްޖޭގެ އެއްވެސް ރަށަކުން ރައްޔިތުންގެ އަތުގައިވާ ބިންތައް އަތުލައިފި ނަމަ، އެ އަތުލި އަތުލުން އަޅުގަނޑުމެންގެ ސަރުކާރެއްގައި ބަދަލު ކުރާނަން. އެ ބިންތައް ރައްޔިތުންނާ ހަވާލު ކުރާނަންރައީސް އަބްދުﷲ ޝާހިދު
އައްޑޫ ސިޓީ ކައުންސިލުން ތަރައްގީކުރުމަށް އިއުލާނުކޮށްފައިވާ ސަވާހިލި ރަށް، ރައީސް މުއިއްޒު ނެރުއްވި ކުއްލި ގަރާރަކާއެކު އެ ސިޓީގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނަގާފައިވަނީ އެ ރަށް ތަރައްގީކުރަން ކައުންސިލުން ބީލަމަށް ވެސް ހުޅުވާލާފައި ވަނިކޮށެވެ. އެގޮތުން ސަވާހިލި އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރާނެ ބަޔަކު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާނުކޮށް، އެ މަސައްކަތަށް ބީލަމަށް ހުޅުވާލާފައިވެ އެވެ.
ރައީސްގެ ގަރާރުގައިވާ ގޮތުން އެ ރަށް އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކުރަން ނިންމެވީ ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށް ބޭނުން ކުރުމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ ގަރާރުގައި ހިމަނުއްވާފައެއް ނުވެ އެވެ.
މި މައްސަލައާ ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ މި ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސްއެޅުން ކަމުގައި އެ ސިޓީގެ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.