ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ލީޑަރޝިޕް އަކީ ދިވެހި ދިދަ ކުރިމަތީގައި ހުއްޓި މޭމަތީގައި އަތް އަޅައިގެން ފަށުވި އިބާރާތުން ބަސްތަކެއް ބުނުމެއް ނޫން ކަމަށާއި މިއަދުގެ ސަރުކާރުގެ ސިޔާސަތުތަކާއި އިސްވެރިންގެ ހިންގުންތެރި ކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު ކަމަށެވެ. 

މީގެއިތުރުން ހިސާން ވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ ދަތިކަމާއި ޑޮލަރުގެ އަގު ބޮޑުވުމާ ގުޅޭގޮތުން ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ފާޑުވިދާޅުވެފައި އެވެ. އަދި ރައްޔިތުންނަކީ އެހާ މޮޔަ ބައެއް ކަމަށް ސަރުކާރުން ދެކުމަކީ ލަދުވެތިކަމެއް ކަމަށް ހިސާން ވިދާޅުވި އެވެ.  

ޑޮލަރުގެ އަގު އިންތިހާއަށް ބޮޑު ވެއްޖެ، މި ޝަކުވާތައް އިވުނީމައި، އަޅުގަނޑުމެންގެ އަދުގެ ސަރުކާރުން ބުނަނީ ކީކޭތޯ. މިސާލަކަށް ދަންނަވާ ކަމުގައި ވަންޏާ ޑޮލަރުގެ އަގު މި ބޮޑު ވަނީ ނޫސްތަކުގައި ޖަހާ ސުރުހީގެ ސަބަބުންނޯ، އަޅުގަނޑު ހިތައް އަރާ މާތް ކަލާކޯއޭ ނޫސްތަކުގައި ޑޮލަރުގެ އަގު 10 ރުފިޔާއޭ ޖަހާފިއްޔާމު ޑޮލަރުގެ އަގު އަޅެ މާދަމާ ކުޑަ ވާނެތޯއޭ ތިރިވާނެ ބާއޭ، އަޅުގަނޑުމެން ރައްޔިތުންނަކީ އެހާ މޮޔަ ބައެއް ކަމުގައި މިސަރުކާރުން ދެކުމަކީ ހަގީގަތުގައި ވެސް ލަދުވެތިކަމެއް  
ހިސާން ހުސައިން

މީގެއިތުރުން ހިސާން ވިދާޅުވީ ލީޑަރޝިޕަކީ ހަގީގަތުގައި އިމްތިހާން ކުރެވޭ ކަމެއްގެ އިތުރުން ދަތި ހާލަތްތަކުގައި މީހާ ނަތީޖާ ނެރެން ކުރާ މަސައްކަތްތަކުން އެ މީހާއަކީ ކާކު ކަން ބުނެދޭ އެއްޗެއް ކަމަށެވެ. އަދި ލީޑަރޝިޕަކީ ފިތުނަތަކާއި ފިއްތުންތަކަށް ކުރިމަތިލާ، އެ ކަންތައްތަކުން ނަތީޖާ ހާސިލްކޮށް ކުރިއަރާ ސިފަތަކެއް ހުންނަ ކަމެއް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.